ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ މެޗުތައް ބައްލަވާލައްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިރޭ އެ ގައުމަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ، ރައީސްގެ ދެކަނބަލުންގެ ރަސްމީ ދަތުރުފުޅުގައި ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022ގެ ސެމީ ފައިނަލް މެޗުތައް ބައްލަވާލެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ދަތުރުފުޅަކީ ގަތަރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އައްސާނީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެފައި ވަނީ މެޗުގެ ޓިކެޓަށް ހަރަދުކުރައްވާނީ ރައީސް އަމިއްލަފުޅަށް ކަމަށެވެ. އަދި ކެއުމާއި ހުރުން ހަމަޖައްސާނީ ގަތަރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އަންނަ ބުރާސްފަތި ދުވަހު ރައީސްގެ ދެކަނބަލުން އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އާޖެންޓީނާ އާއި ކްރޮއޭޝިއާ ބައްދަލު ކުރާ މެޗު މާދަމާ ރޭ ރާއްޖެ ގަޑިން 12:00ގައި ކުޅޭނެ އެވެ. އަދި ފްރާންސްއާއި މޮރޮކޯ ބައްދަލު ކުރާ މެޗު ބުދަ ދުވަހުގެ ރޭ 12:00 ގަ އެވެ.