ހދ. ނޮޅިވަރަމް، ނިޝާމާ މުހައްމަދު 28، ގެ މަރާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައިވާ އޭނާގެ ފިރިމީހާ އދ. ފެންފުށީ، ރޯސީވިލާ، އަބޫބަކުރު ފައިސަލް ދަންޖެހުނު މައްސަލައިގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބެލުމަށް ރައްޔިތުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފި އެވެ.
މި މައްސަލަ އެ ކޮމިޓީއަށް ހުށަހެޅުއްވީ ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެވެ.
މި މައްސަލައާ ގުޅިގެން މެމްބަރު އާދަމް ޝަރީފް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ސިޓީއެއް ފޮނުވާފައިވާއިރު، އެ ސިޓީގައި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން ބެލެހެއްޓުމަކީ ދިވެހި ފުލުހުންގެ ޒިންމާއެއް ކަމުގައި އޭނާ ފާހަގަކުރައްވާފައިވެ އެވެ. އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ފައިސަލް ދަންޖެހެން މަސައްކަތް ކޮށް، އެފަދަ ނުރައްކާތެރި އަމަލެއް ހިންގި އިރު ފުލުހުންނަށް ނޭނގުމަކީ ވަރަށް ބޮޑު އިހުމާލެއް ކަމުގައި ބެލުމުގެ ފުރުސަތުވާ ކަމެއް ކަމުގައި އޭނާ ވިދާޅުވެފައިވެ އެވެ.
އެ ސިޓީގައި އާދަމް ޝަރީފް ވަނީ ފައިސަލްގެ ކުށުގެ ރިކޯޑުގައި ތުހުމަތު ކުރެވޭ ކަންކަމަށް ބަލައި، އެފަދަ މީހުންނާއި މެދު އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމައަށް އަޅާފައި ނުވާކަންވެސް ފާހަގަކުރައްވާފަ އެވެ. މިއީ ފުލުހުންގެ ޒިންމާދާރުކަމާމެދު ރައްޔިތުންގެ އިތުބާރު ކުޑަވެ، އިންސާފު ލިބުމަށް އެޅޭ ހުރަހެއް ކަމުގައި އޭނާ ވިދާޅުވެފައިވެ އެވެ.
ވީމާ ފައިސަލް ފުލުހުންގެ ބެލުމުގެ ދަށުގައި ވަނިކޮށް، ދަންޖެހުނު މައްސަލައިގައި ފުލުހުންގެ އިހުމާލެއް ވޭތޯއާ، މިފަދަ ކަންކަން ކުރިއަށް އޮތް މުސްތަގުބަލުގައި ދިމާނުވާނެހެން ދިވެހި ފުލުހުން މަސައްކަތް ކުރަމުންދާނެކަން ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ މެދުވެރިކޮށް ބަލައިދެއްވުމަށް އޭނާ ވަނީ އެދިފަ އެވެ.