ބޮލީވުޑްގެ މަޝްހޫރު ބަތަލު ޝާހުރުކް ޚާން އާއި އޭނާގެ އަންހެނުން ގޯރީ ޚާންއާ ދެ މީހުންގެ ލޯބީގެ ވާހަކަތަކަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ވަރަށް ގިނައިން ދެކެވޭ ވާހަކަ ތަކެކެވެ.

އެ ވާހަކަތައް ޚުދު ޝާހު އަމިއްލައަށް މީޑިއާތަކާ ހިއްސާކޮށްފައިވާއިރު، ގޯރީއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު ދިމާވި އެކި ދަތި އުނދަގޫ ކަންތައްތަކުގެ ވާހަކަތައް ވެސް އޭނާ އާންމުންނާ ވަނީ ހިއްސާކޮށްފަ އެވެ.

އެހެންނަމަވެސް އެއިން ބައެއް ވާހަކަތަކަކީ ޝާހުގެ ދުލުން ނުބުނި ކަމުގައި ވީނަމަވެސް އާންމުންނަށް އެނގޭ ބޮޑެތި ސިއްރުތަކެވެ. އެގޮތުން އެދެމަފިރިންގެ މެދުގައި ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ޝާހު އިތުރު ފަންނާނަކާއި ލޯބީގެ ގޮތުން ގުޅުމާއި ގުޅިގެން މެދުވެރިވި ބޮޑު މައްސަލައެކެވެ.

ބޮލީވުޑް ތަރިން އެކި އެކި ތަރިންނާ އެކީ ލޯބީގެ ގުޅުން ބޭއްވިކަމުގެ ވާހަކަ ދެއްކި ނަމަވެސް ޝާހުއާ އިތުރު ތަރިއެއް ލޯބީގެ ގޮތުން ގުޅުނު ވާހަކައަކީ، އެނގިހުރެ ވެސް އެންމެން ސިއްރުކޮށްފައިވާ ހަގީގަތެކެވެ. ސަބަބު ވެސް ވަރަށް ސާފެވެ. އެއީ އެ ފަންނާނެއް ދެކެ ވާ ލޯތްބާއި، ސަޕޯޓުކުރާ މިންވަރު ބޮޑުކަމުންނެވެ.

ގިނަ ބަޔަކު ޝާހުއާ އެ ތަރިއަކާ އޮތް ގުޅުން ސިއްރުކޮށްފައިވާ ތަރިއަކީ ޕްރިޔަންކާ ޗޯޕްރާ އެވެ. ނަމަވެސް މިއީ އެންމެންނަށް ވެސް އެނގޭ ބޮޑު ސިއްރެކެވެ. ޕްރިޔަންކާ އާއި ޝާހުއާ ދެ މީހުންގެ މެދުގައި އޮތް ލޯބީގެ ގުޅުން ރޫޅައިލީ ޝާހުގެ އަންހެނުން ގޯރީ ޚާން އެވެ.

ގޯރީއަށް އެ ދެފަންނާނުންގެ ގުޅުމުގެ ހަބަރު އެނގުމާއެކު ޕްރިޔަންކާއާ އެއްވެސް ކަހަލަ ގުޅުމެއް ބޭއްވުމަށް ޝާހުއަށް މަނާކުރި އެވެ. އޭގެ އިތުރުން ގޯރީ ވަނީ އޭނާގެ އެކުވެރިޔާ ކަމަށްވާ މަޝްހޫރު ފިލްމު މޭކާ ކަރަން ޖޯހަރާއެކު ޕްރިޔަންކާގެ ފިލްމީ ކެރިއަރު ހަލާކުކޮށްލުމަށް ވެސް މަސައްކަތް ކޮށްފަ އެވެ.

ނަމަވެސް އެކަންތައް އެފަދައިން ފުރަތަމަ ފަހަރު ހައްލު ނުވުމުން ގޯރީ ޚާން ލޯބީގެ ގޮތުން ގުޅުނީ މަޝްހޫރު ތަރި ރިތިކް ރޯޝަންއާ އެވެ. އަދި އެކަން އެފަދައިން ކުރީ ޝާހުގެ ކިބައިން ބަދަލު ހިފުމުގެ ބޭނުމުގައި ކަމަށް ބުނެ އެވެ.

ޕްރިޔަންކާ އާއި ޝާހުއާ ދެމެދުގައި ލޯބީގެ ގޮތުން އެއްވެސް ގުޅުމެއް ވޭތޯ ސުވާލުކުރުމުން ކޮންމެ ފަހަރަކު ވެސް ޝާހުގެ ޖަވާބަކަށް ބުނެފައި ވަނީ، އެއީ ގާތް ދެ ރަހުމަތްތެރިން ކަމަށެވެ. ނަމަވެސް އެ ދެފަންނާނުންގެ ރަހުމަތްތެރިކަން ވެސް ނިމުމަކަށް އައީ، އެކަމާ ގުޅިގެން ގޯރީ، ޝާހު ކައިރިން ވަރިވާން އުޅުމުންނެވެ. ނަމަވެސް ޝާހު ވަނީ ޕްރިޔަންކާއާ އޮތް ގުޅުން އެއްކޮށް ކަނޑާލައި، އޭނާގެ ކައިވެނި ސަލާމަތްކޮށްފަ އެވެ.