މީހުން ދިރިއުޅޭ ސިޓީއެއްގެ ގޮތުގައި ތަރައްގީކުރަން ގިރާވަރު ފަޅު ހިއްކާނެ ބަޔަކު ހޯދަން އިކޮނޮމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
ރިސޯޓެއްގެ ގޮތުގައި މިހާރު ހިންގާ ގިރާވަރު ހިމެނޭ ގޮތަށް އެ ފަޅު ތަރައްގީކުރަނީ މާލެ ސަރަހައްދުގައި މީހުން އާބާދުކުރަން ގޯއްޗާއި ފްލެޓް އަޅާ ގޮތަށެވެ.
މ. ސްނޯރޯޒް އަބްދުއް ރައޫފަށް ކުއްޔަށް ދޫކޮށްފައިވާ ގިރާވަރު، މިވަގުތު ރިސޯޓެއްގެ ގޮތުގައި ހިންގަނީ ތައިލެންޑް ކުންފުންޏެއް ކަމަށްވާ ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓުންނެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރާ ރަށްތައް ކްރޮސް ސަބްސިޑައިޒް ކުރާ އުސޫލުގެ ދަށުން ގިރާވަރުފަޅު ހިއްކައި މީހުން ދިރިއުޅޭނެ ސިޓީއެއް ތަރައްގީކުރާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި މިކަމަށް ކުރިމަތިލާ ފަރާތަކުން މަދުވެގެން ފަސް މިލިއަން ޑޮލަރު އެކަމަށް އިންވެސްޓު ކުރަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.
އިކޮނިމިކް މިނިސްޓްރީން އެކަމަށް ބަޔަކު ހޯދަން މިއަދު އިއުލާންކުރިއިރު، އިއްޔެގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ވަނީ ގިރާވަރު ފަޅަށް އެންމެ މަދުވެގެން 5 މިލިއަން ޑޮލަރު އިންވެސްޓުކުރަން ޖެހޭނެ ކަމަށް ނިންމާފަ އެވެ.
އެ މިނިސްޓްރީގެ އިއުލާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ ދަށުން އިންވެސްޓުކުރާ ފަރާތުން އިންވެސްޓުކުރާ އަދަދުން އެކުޒިޝަން ކޮސްޓާއި ބިމު ކުލިން ކެނޑޭނެ އެވެ.
މި މަޝްރޫއާއި ގުޅޭ މާގިނަ މައުލޫމާތެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. މީގެ ކުރިން ގިރާވަރުފަޅު ހިއްކައި އެތަނުން މާލޭ މީހުންނަށް ގޯތި ދޭނެ ކަމަށް މިއަހަރު ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވެ އެވެ.