އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ދައުވާ އުފުލަންވީ ރައީސް މުޙައްމަދު ނަޝީދަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އަދުރޭ މިހެން ވިދާޅުވީ މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވާ މި ގާނޫނާ ގުޅޭގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.
ނަޝީދުގެ ވެރިކަމުގައި ނިޒާމުންބޭރުން އަބްދުﷲ ގާޒީ ރަހީނުކޮށް އިންސާނީ ޙައްގުތަކަށް އަރައިގެންފައިވާތީ އެކަނިވެސް، އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ދަޢުވާ އުފުލަން ޖެހޭނީ ރައީސް ނަޝީދުގެ މައްޗަށް ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި އިންސާފުވެރިކަމާއެކު މިމައްސަލަ އަލުން ބަލަން ފުރުޞަތުދޭން ކެރޭނެތޯ އަދުރޭ ސުވާލު ކުރެއްވި އެވެ.
އިންތިގާލީ އިންސާފުގެ ބިލުގެ ހަގީގީ ބޭނުމަކީ ރައްޔިތުންގެ މެދުގައި އޮތް ރުޅިވެރިކަން ނައްތާލާ ސުލްހަ ކޮށް ދިނުން ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެ ބިލް ތަސްދީގު ކުރެއްވުމާއެކު އުފެއްދެވި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން އަނިޔާތައް ދެނެގަނެ އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި އެ އޮފީހަށް ހައްލު ހޯދާ ނުދެވޭ މައްސަލަތަކުގައި ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން އެކި މައްސަލަތަކާއި ގުޅިގެން ބަދަލު ދިނުމާއި އެ ނޫން ކަންކަން ވެސް ހިނގާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެ ގާނޫނުގެ ހަގީގީ ބޭނުމަކީ އެއީ ނަމަވެސް އަނިޔާވެރިއަކު އަނިޔާ ކުރުމަށްފަހު އެކަމަަށް މައާފަށް ނޭދިއްޖެނަމަ ދެން އޮންނާނީ ޖިނާއީ ދައުވަ ފެށުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެފަދަ މީހަކު ޖަލުގައި ހުންނަން ވެސް ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ޔާމީނަށް ޖަލުން ނުކުމެވަޑައިގަންނަވަން ފުރުސަތު ލިބުމުންވެސް ފުރުސަތުގެ ބޭނުން ނުކުރެއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވި ވާހަކަތަކަށްވެސް އަދުރޭ ރައްދު ދެއްވި އެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީނަކީ މި އަނިޔާވެރި ސަރުކާރާއެކު ޑީލް ހައްދަވާނެ ބޭފުޅެއްނޫން ކަމަށެވެ. ގައުމު ދޫކުރައްވާ ފިއްލަވާނެ ބޭފުޅެއް ވެސް ނޫން ކަމަށެވެ. ކަންކަމާ ކުރިމަތި ލުމުގެ ހިތްވަރު ރައީސް ޔާމީނުގެ ހުންނާނެ ކަމަށާއި އިރާދަ ކުރެއްވިއްޔާ ރައީސް ޔާމީނަކީ ކުށެއްނެތް މައުސޫމު ބޭފުޅެއްކަން ރައްޔިތުންނަށް ސާބިތުވެގެންދާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.