(18 ޑިސެމްބަރު) - މިދިޔަ ހަފުތާގެ ހުކުރު ދުވަހު ނައިޖީރިއާގެ ހުޅަނގު އުތުރު ސަރަހައްދެއް ކަމަށްވާ ކްޓްސިނާގެ ސްކޫލަކަށް ބަޑި ހިފައިގެން ތިބި ބަޔަކު ވަދެ އެ ސްކޫލުން ވަގަށް ނެގި ކުދިން މިއަދު ދޫކޮށްލައިފި އެވެ.
ސަރުކާރު އޮފިޝަލުން ބުނިގޮތުގައި ސްކޫލް ކުދިން ވަގަށް ނަގާފައިވަނީ ނައިޖީރިއާގައި ވަކި ދައުލަތެއް ގާއިމްކުރުމަށް މަސައްކަތް ކުރަމުންދާ ހަނގުރާމަވެރި ހަތިޔާރު އެޅި ޖަމާއަތް ކަމަށްވާ ބޯކޯ ހަރާމް ކަމަށް ކުރިން ޝައްކުކުރެވުނު ކަމުގައި ވީނަމަވެސް މި ހަމަލާގެ ފަހަތުގައި ތިބީ އެ މީހުން ނޫން ކަމަށެވެ.
އެ މީހުންނަކީ ނައިޖީރިއާގެ ހުޅަނގު އުތުރުގައި އުޅޭ ދަނޑުވެރިންނާއި ގެރިބަކަރި ގެންގުޅޭ މީހުންނާ ގުޅުން އޮންނަ ހަތިޔާރު އެޅި ބައެއް ކަމަށެވެ.
ތަފާތު ތިން ފަހަރު އެ މީހުންނާ ބައްދަލުކޮށް އެ މީހުންގެ ޑިމާންޑްތައް އަޑުއަހާފައިވާނެ ކަމަށާއި އެމީހުންގެ ޝަކުވާއަކީ އެހެން ގުރޫޕްތަކުން އެމީހުންގެ ބަކަރިތައް މަރާ އެމީހުންނަށް ގެއްލުންދީ ހެދުން ކަމަށެވެ.
ސަރުކާރުން އެ މީހުންގެ ޝަކުވާތަށް އަޑުއަހައި އެކަންކަމަށް ހައްލު ހޯދަން މަސައްކަތްކުރާނެ ކަމަށް އެއްބަސްވުމުން ވަގަށް ނެގި ކުދިންތައް ދޫކޮށްލާފައިވާ ކަމަށް ސަރުކާރުގެ ސްޕޯކްސް ޕާސަން ވިދާޅުވި އެވެ.
ވަގަށް ނެގި ޖުމްލަ 334 ކުދިން ވަނީ ދޫކޮށްލާފަ އެވެ. ނަމަވެސް އަދިވެސް ވީނުވީއެއް ނޭގޭ ކުދިން ތިބި ކަމަށް ސަރުކާރުގެ އޮފިޝަލް ހާމަކުރި އެވެ. – ބީބީސީ