ލަވަކިޔުންތެރިޔާ ޖަސްޓިން ޓިމްބާލޭކްގެ 30 އަހަރަށް ވުރެ ދިގު ކެރިއަރުގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ "ޓިމްބާލޭކް" ޑޮކިއުމެންޓަރީ ސީރީޒްގެ ފުރަތަމަ ޓްރެއިލާ ނެރެފި އެވެ.

ހަތަރު ބަޔަކަށް ބަހާލައިގެން ގެނެސްދޭ މި ސީރީޒްގައި ޖަސްޓިންގެ މިއުޒިކީ ކާމިޔާބީތަކުގެ އިތުރުން، އޭނާގެ ޒާތީ ހަޔާތުގެ އުނދަގޫ އަދި ހަނދާން ނައްތާލަން ބޭނުންވާފަދަ މަންޒަރުތައް ވެސް ފޮރުވުމެއް ނެތި ގެނެސްދޭނެކަން ޓްރެއިލާ އިން ދައްކުވައިދެ އެވެ.

އޮސްކާ އެވޯޑު ހާޞިލުކޮށްފައިވާ ޑައިރެކްޓަރު ފިޝާ ސްޓީވެންސް ޑައިރެކްޓް ކޮށްފައިވާ މި ޑޮކިއުމެންޓަރީގައި، މީގެ ކުރިން އާންމުންނަށް ފެނިފައިނުވާ އާކައިވް ފުޓޭޖުތަކާއި ހާއްސަ އިންޓަވިއުތައް ހިމެނެ އެވެ.

މި ސީރީޒްގައި "'އެންސިންކް" (NSYNC) އިން ފެށިގެން ސޯލޯ ކެރިއަރުގައި ޖަސްޓިންއަށް ލިބުނު ބޮޑެތި ކާމިޔާބީތަކާއި، ޖަސްޓިންގެ ކުޑައިރުގެ ވާހަކަތައް ހިމެނެ އެވެ.

ޖަސްޓިންގެ ހަޔާތުގައި ހިނގާފައިވާ މުހިންމު ޙާދިސާތަކުގެ ތެރެއިން، ބްރިޓްނީ ސްޕިއާސް އާއި ޖެނެޓް ޖެކްސަންއާ ގުޅުންހުރި މާޒީގެ ވާހަކަތަކަށް ވެސް މި ސީރީޒްގައި އަލިއަޅުވާލާނެ އެވެ.

މީގެ އިތުރުން ޖަސްޓިންގެ ކެރިއަރުގައި އޭނާއާއެކު މަސައްކަތްކުރި ގިނަ ފަރާތްތަކެއްގެ އިންޓަވިއުތައް ވެސް މި ޑޮކިއުމެންޓަރީގައި ފެންނާނެ އެވެ.

މި ސީރީޒްގެ ފުރަތަމަ ދެ އެޕިސޯޑު 11 ޑިސެމްބަރު 2026 ގައި ގެނެސްދޭން ފަށާއިރު، ތިންވަނަ އެޕިސޯޑު 18 ޑިސެމްބަރު 2026 ގައި އަދި ފަހު އެޕިސޯޑު 23 ޑިސެމްބަރު 2026 ގައި ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.