މީގެ ދެތިން ދުވަހެއް ކުރިން "ވެނިޓީ ފެއާ"ގައި ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓަށް ގިނަ ތުހުމަތުތަކެއް އަމާޒުވެ، އިންޓަނެޓުގައި ފުރައްސާރައާ ކުރިމަތިލާން ޖެހިއްޖެ އެވެ.

"ދަ މާސްޓަމައިންޑް"ގެ ނަމުގައި ލިޔެފައިވާ މި ލިޔުން އެކުލަވާލާފައިވަނީ ޓޭލާގެ ހަޔާތާއި ކެރިއަރާ ގުޅުންހުރި 100 އަށްވުރެ ގިނަ މީހުންނާ އިންޓަވިއު ކުރުމަށް ފަހު، އެއް އަހަރު ދުވަހުގެ މަސައްކަތުންނެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ މައިގަނޑު ތުހުމަތުތަކަށް ބަލާއިރު އާންމުކޮށް ޓޭލާ ސްވިފްޓް ފެންނަނީ އަންހެނުން ބާރުވެރިކުރުވުމާއި، އެކުވެރިކަމާއި، ދާއިރާގެ ގޮންޖެހުންތަކާ ކުރިމަތިލާ ތަރިއެއްގެ ގޮތުގައި ނަމަވެސް މި ލިޔުމުގައި އޭނާ ސިފަކޮށްފައިވަނީ އެހެން ސިފައެއްގަ އެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޓޭލާގެ އެންމެ ބޮޑު ސިފައަކީ މިއުޒިކް އުފައްދާ މީހެއްގެ ނުވަތަ މަޝްހޫރު ތަރިއެއްގެ ސިފައެއް ނޫނެވެ. އެއީ އަނިޔާ ލިބޭ މީހާ އާއި އަނިޔާދޭ މީހާގެ ސިފަ އެކުލެވޭ ގޮތެކެވެ.

އެއާއެކު ޓޭލާގެ ވިސްނުމާ އެއްގޮތަށް ކަންކަން ނުކުރާ މީހުންނާ މެދު އޭނާ ހަރުކަށިކޮށް އަމަލުކުރާ ކަމަށާއި، އެހީތެރިކަމެއް ބޭނުންވާ ހިނދު އެހީނުވާ މީހުން އިޖުތިމާޢީ ގޮތުންނާއި މަސައްކަތުގެ ފުރުސަތުތަކުން އެކަހެރިކުރާ ކަމަށް ވެސް ބައެއް މަސްދަރުތަކުން ތުހުމަތު ކޮށްފައިވެ އެވެ.

މިއުޒިކް އިންޑަސްޓްރީގެ އިސް ފަރާތަކުން ސިފަކުރި ގޮތުގައި އޭނާގެ މި އުޅުން ހުރީ "މީން ގާލްސް" ފިލްމުގެ މަޝްހޫރު ކެރެކްޓަރު ރެޖީނާ ޖޯޖް އާ އެއްގޮތަށެވެ.

ކުޑައިރު އޭނާއާ އެކު އެއް ކްލާހެއްގައި އުޅުނު ފަރާތަކުން ބުނެފައިވަނީ ޓޭލާގެ ރަހުމަތްތެރިންގެ ތެރޭގައި ނުހިމެނޭ މީހުން އޭނާއަށް ވުޖޫދުގައި ނެތް މީހުން ފަދަ ކަމަށެވެ.

މި ލިޔުން ދެ ބަޔަކަށް ބަހާލައިގެން ލިޔެފައިވާއިރު، ފުރަތަމަ ބައިގައި ޓޭލާ ދެކެ މީހުން ލޯބިވާ މިންވަރާއި އޭނާއަށްޓަކައި ކޮންމެ ކަމެއް ކުރަން ތައްޔާރަށް ތިބޭ މީހުންގެ ވާހަކަ ގެނެސްދީފައިވާއިރު، ދެވަނަ ބައިގައި އެ ވާހަކަތަކާ ފުށުއަރާ ކަންތައްތައް ފާހަގަ ކޮށްފައިވެ އެވެ.

މި ރިޕޯޓާ ގުޅިގެން ސޯޝަލް މީޑިއާގައި ވަރަށް ބޮޑު ބަހުސެއް ވަނީ ފެށިފަ އެވެ. ޓޭލާގެ ގިނަ ސަޕޯޓަރުން މި ލިޔުން ސިފަ ކޮށްފައިވަނީ ކާމިޔާބު އަންހެނެއްގެ އަބުރު ކަތިލުމަށް ހިންގާ ކެމްޕޭނެއްގެ ގޮތުގަ އެވެ.

ބައެއް މީހުން ބުނެފައިވަނީ މިއީ ފިރިހެން ތަރިންނާ ބެހޭގޮތުން ލިޔެވޭ ކަހަލަ ލިޔުމެއް ނޫން ކަމަށާއި، މިއުޒިކް ދާއިރާގައި ބާރުގަދަ ފިރިހެނުން ހިންގާ ނޭދެވޭ އަމަލުތައް ބެލުމުގެ ބަދަލުގައި އަންހެނެއްގެ ކާމިޔާބީއާ ދެކޮޅަށް ނުކުތީ ކަމަށެވެ.

މި ލިޔުމުގައި ޓޭލާއާ ގުޅޭގޮތުން ގެނެސްދީފައިވާ ހަގީގަތްތަކަށް ތާއީދުކޮށް، "ސްވިފްޓީ މޭނިއާ" އަށް ނުހެއްލި ހަގީގަތް ހާމަކުރި ކަމަށް ބުނެ ބައެއް މީހުން އެ ރިޕޯޓަށް ތަޢުރީފު ވެސް ކޮށްފައިވެ އެވެ.