އެމްޑީޕީގެ ދަފްތަރު އޮތީ ގަޑުބަޑުކޮށްފައި ކަމަށް އެ ޕާޓީގެ ރައީސް އަދި ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ، އެމްޑީޕީން އެކަން ދޮގުކޮށްފި އެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނުގައި ވަނީ އިލެކްޝަންސް ކޮމިޝަންގެ އެމްޑީޕީގެ ރަސްމީ ދަފްތަރުގައި ހިމެނޭ 54,599 މެމްބަރުންނަކީ އެމްޑީޕީގެ ރަސްމީ ދަފްތަރުކަމަށް ބަލައި، ދެން ތިބި 39,911 މީހުންނަށް އެމްޑީޕީގެ މެމްބަރުކަން ސައްހަކުރުމަށް ތިން މަސް ދިނުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މީގެކުރިން ނިންމައި އެކަން އާންމުކޮށް އިއުލާންކޮށްފައިވާ ކަމަށެވެ.

އެމްޑީޕީގެ އެއްވެސް މަގާމެއްގައި ހުރި މެމްބަރަކު ނަމަ އެއް މަސް ދުވަސް ތެރޭގައި މެމްބަޝިޕް ސައްހަ ކުރުމަށް މީގެކުރިން އަންގާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު ލިބެން ޖެހޭނީ ޕާޓީގެ ސައްހަ މެމްބަރުންނަށް ކަމަށްވާ އިރު ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން ދަފްތަރު މިހާރު އޮތީ ސައްހަ ކުރެވި ޕާޓީއަށް ވަންނަން އެދޭ އެންމެހާ ދިވެހި ރައްޔިތުންނަށް ފުރުސަތު ހުޅުވިފައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ނަމަވެސް ދަފްތަރު ސައްހަކޮށް، ބެލެހެއްޓެމުން ދަނިކޮށް އެ ދަފްތަރާ މެދު ސުވާލު އުފެދޭ ގޮތަށް ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބަސްފުޅެއް ވިދާޅުވެފައި ވާތީ އެކަމާ ހިތާމަކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ވަނީ ހުޅުވާލާފަ އެވެ. ޕްރައިމަރީގެ ވޯޓުލުން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށް އެ ޕާޓީން ބުންޏެވެ.