އިނގިރޭސިވިލާތުގެ ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަލް މާކެލްގެ ކައިވެނީގެ ހެދުމުގައި އަހަރެމެންގެ ލޯ މައްޗަށް ނުފެނި އެތައް ސިއްރުތަކެއް އެކުލެވިގެން ވި އެވެ. އޭގެ ތެރެއިން އެއް ކަމެއް މިވަނީ އަނެއްކާ ވެސް ހާމަވެފަ އެވެ.
މި ޝާހީ ކައިވެންޏަށް ދެ އަހަރު ފުރި ތިން އަހަރަށް ލާފައިވާ އިރު، އެކި ގޮތް ގޮތުން ހާއްސަވި މި ތާރީހީ ކައިވެނީގެ ވާހަކަ އަދިވެސް ދެކެވެ އެވެ. މިހާރު މި ދެމަފިރިން ޝާހީ ޒިންމާތަކުން އެކަހެރިވުމުގެ މަސައްކަތް ފަށާފައިވީ ނަމަވެސް އެ ދުވަހުގެ މަންޒަރުތައް އަހަރެމެންގެ ސިކުނޑީގައި އަދިވެސް ތާޒާ އެވެ.
މި ކައިވެންޏާ ގުޅޭގޮތުން 2019 ވަނަ އަހަރު ނެރުނު ޑޮކިއުމެންޓަރީ "ކުއީން އޮފް ދަ ވޯލްޑް" އިން ވަނީ މޭގަން މާކެލްގެ ކައިވެނީގެ ހެދުމުގައި ހުރި ސިއްރުތަކުގެ ތެރެއިން ސިއްރެއް ހާމަވެފަ އެވެ. އެގޮތުން އޭނާ ބޮލުގައި އަޅާފައި އޮތް ފޮތިކޮޅުގައި ނޫކުލައިގެ އެއްޗެއް ފޮރުވާފައިވެ އެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުން ކައިވެނީގެ ކުރިން އެންމެ ފުރަތަމަ މޭގަން އަށް އެ ހެދުން ފެނުމުން ވަރަށް ރަނގަޅަށް ބޮލުގައި އަޅާ ފޮތިކޮޅު ބަލާލަ އެވެ. އަދި އެއީ އެ ފޮތިކޮޅުގައި ނޫ ކުލައިގެ ފޮތިކޮޅެއް ހަރުކޮށްފައިވާ ކަން ހާމަކުރެ އެވެ.
މޭގަން ބުނާ ގޮތުން އެއީ އޭނާގެ "ސަމްތިންގް ބްލޫ" އެވެ.
"މިއީ އަހަންނާއި ހެރީ އެންމެ ފުރަތަމަ ބައްދަލުވި ރޭ އަހަރެން ލައިގެން ހުރި ހެދުމުގެ ފޮތި ކޮޅެއް،" މޭގަން ބުނެފައިވެ އެވެ.
މިކަމުން ދޭހަ ކޮށްދެނީ އެ ފުރަތަމަ ބައްދަލުވުން މޭގަންގެ ހިތުގައި ބިންވަޅު ނެގިފައިވާ މިންވަރެވެ. މޭގަން އާއި ހެރީ ބައްދަލުވެފައިވަނީ ރާލްފް ލޯރެންގެ ޕީއާރް އެގްޒެކެޓިވެއްގެ ގޮތުގައި މަސައްކަތްކުރާ އެ ދެ މީހުންގެ ރައްޓެއްސެއް މެދުވެރިކޮށް، ބްލައިންޑް ޑޭޓަކުންނެވެ.
މީގެ އިތުރުން މޭގަލްގެ ބޮލުގައި އަޅާފައި އޮތް 16 ފޫޓޫގެ ފޮތިކޮޅުގައި ޖަހާފައި ހުރި 53 މާ ތަމްސީލުކޮށްދެނީ ކޮމަންވެލްތުގެ ގައުމުތަކެވެ. އޭގެ އިތުރަށް ހުރި ކެލިފޯނިއާ ޕޮޕީ މަލަކީ މޭގަން ނިސްބަތްވާ ސްޓޭޓްގެ ރަސްމީ މަލެވެ.