މިހާތަނަށް އިންސްޓަގްރާމުގައި އެންމެ ގިނަ މީހުން ލައިކް ދީފައި ވަނީ ބިހެއްގެ ފޮޓޯއަށެވެ. ނަމަވެސް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ވޯލްޑް ކަޕް ތަށި އުފުލާލާ ފޮޓޯ މިހާރު މި ވަނީ އިންސްޓަގްރާމުގައި އެންމެ ގިނަ ލައިކް ހޯދުމުގެ ރެކޯޑް ގާއިމްކޮށްފަ އެވެ.

ފަައިނަލުގައި ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިކޮށް އާޖެންޓީނާ އިން 36 އަހަރު ތެރޭ ފުރތަތަމަ ފަހަރަށް ހޯދި ދުނިޔޭގެ ފުޓުބޯޅައިގެ ތަށި އުފުލާލާ މަންޒަރުގެ ފޮޓޯ މެސީ އިންސްޓަގްރާމުގައި ޕޯސްޓްކުރިތާ މާގިނައިރެއް ނުވެ އެ ފޮޓޯ އަށް ވަނީ 65 މިލިއަން ލައިކްސް ލިބިފަ އެވެ. އަދި ވެސް ލައިކް ދަނީ އިތުރުވަމުންނެވެ.

މީގެ އިތުރުން އިންސްޓަގްރާމުގައި އެންމެ ގިނަ ލައިކް ހޯދުމުގެ ރެކޯޑް އޮންނަނީ ކުކުޅު ބިހެއްގެ ފޮޓޯއަށެވެ. އެ ފޮޓޯ އިންސްޓަގްރާމަށް ޕޯސްޓްކުރި ބަޔަކު އެކަންކޮށްފައި ވަނީ އޭގެ ކުރިން އެންމެ ގިނަ ލައިކްސް ހޯދާފައިވާ އެމެރިކާގެ ކައިލީ ޖެނާގެ ފޮޓޯގެ ރެކޯޑް މުގުރާލުމުގެ ބޭނުމުގަ އެވެ. ޖެނާ 2018 ވަނަ އަހަރު ޕޯސްޓްކުރި ކުޑަދަރިފުޅު ސްޓޯމީގެ ފޮޓޯ އަށް 18 މިލިއަން ލައިކްސް ލިބުނެވެ. ޖެނާ އަކީ އިންސްޓަގްރާމުގައި 300 މިލިއަން ފޮލޯވަރުން ހަމަކުރި ފުރަތަމަ އަންހެން ސެލެބްރިޓީ އެވެ.

ޖެނާގެ ރެކޯޑް މުގުރާލުމަށް ބިހެއް އިންސްޓްރާމަށް ލުމުގެ ބޭނުމަކީ ކޮބައިތޯ ވަރަށް ގިނަ މީހުން ސުވާލު އުފެއްދި އެވެ. އެކަންކުރި ބަޔަކު ވެސް ނޭނގެ އެވެ. ބައެއް މީހުން ބުނާ ގޮތުގައި އެއީ މާކެޓިން ކުންފުންޏެއްގެ ރޭވުމެކެވެ. އެކަމަކު އިނގިރޭސި ވިލާތުގެ މާކެޓިން އެގްޒެކެޓިވް ކްރިސް ގޮޑްފްރޭ ފަހުން ވަނީ އެކަން ކުރީ އޭނާ ކަމަށް އެއްބަސްވެފަ އެވެ. ކްރިސް ބުނެފައިވާ ގޮތުގައި އެ ބިސް ޕޯސްޓްކުރުމުގެ ބޭނުމަކީ ވީހާވެސް ގިނަ ލައިކްސް ހޯދުމެވެ. އެކަން ހާސިލްކުރި އެވެ. ޖެނާގެ ރެކޯޑް މުގުރާލުމަށް ފަހު ބިހުގެ ފޮޓޯ 57 މިލިއަން ލައިކްސް ހޯދި އެވެ. އެކަމަކު ބިހުގެ ރެކޯޑް ވެސް މުގުރާލުމަށް ފަހު 405 މިލިއަން ފޮލޯވަރުން ތިބި މެސީ މި ވަނީ އާ ރެކޯޑެއް ގާއިމްކޮށްފަ އެވެ.

ވޯލްޑް ކަޕަށް ފަހު ގިނިސް ވޯލްޑް ރެކޯޑްސް އިން ވަނީ މުބާރާތުގައި މެސީގެ އާ ރެކޯޑްތަކެއް ވެސް އާއްމުކޮށްފަ އެވެ.

ވޯލްޑް ކަޕުގައި މެސީގެ ރެކޯޑްތައް

  • 26: ވޯލްޑް ކަޕުގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް
  • 11- ވޯލްޑް ކަޕުގައި އެންމެ ގިނަ މޭން އޮފް ދަ މެޗުގެ ރެކޯޑް
  • 19: ވޯލްޑް ކަޕުގައި ކެޕްޓަނެއްގެ ގޮތުގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް
  • 5: އެންމެ ގިނަ ވޯލްޑް ކަޕް ކުޅުނު ފިރިހެން ކުޅުންތެރިޔާގެ ރެކޯޑް
  • ތަފާތު ފަސް ވޯލްޑް ކަޕެއްގައި ގޯލު ޖަހަން އެހީވި ކުޅުންތެރިޔާގެ ރެކޯޑް