އެޗްޑީސީން ދެމުން އައި ހިދުމަތްތަކަށް ބަދަލު ގެނެސް ހުރިހާ ހިދުމަތެއް އެއް ތަނަކުން ހޯދޭނެހެން އޮންލައިން ޕޯޓަލެއް ތައާރަފް ކޮށްފި އެވެ.
އެޗްޑީސީން ބުނީ، މީގެ ކުރިން އެ ކޯޕަރޭޝަނުން ގިނަ ހިދުމަތްތައް ދެމުން އައީ ކަރުދާހުގައި ގިނަ ފޯމްތަކެއް ހުށަހަޅާ ހިދުމަތް ހޯދާ ފަރާތްތަކުން ކިޔޫގައި ގިނަ ވަގުތުތަކެއް ހޭދަކޮށްގެން ކަމަށެވެ. އެކަމުގެ ސަބަބުން އެތަކެއް ރައްޔިތުންނެއްގެ އަގުހުރި ވަގުތު ހޭދަކުރަން ޖެހުނެވެ. އަދި ފޯމު ޕްރޮސެސްވުމުގައި ވެސް ގިނަ ވަގުތު ހޭދަވެ އުނދަގޫތަކާ ކުރިމަތިލާންޖެހުނެވެ.
އެ ކުންފުނިން ބުނީ އެއީ އެހާމެ ހަރަދު ބޮޑު، އެތަކެއް ތަކުލީފަކާ ކުރިމަތިލާން ޖެހުނު ކަމެއް ކަމަށެވެ.
އެހެންކަމުން އެޗްޑީސީން ދެމުންއައި ގިނަ ހިދުމަތްތަކަށް ބޮޑެތި ބަދަލުގެނެސް، ހުރިހާ ހިދުމަތެއް އެއް ތަނަކުން ހޯދޭނެހެން އޮންލައިން ޕޯޓަލް އެއްވަނީ ތައްޔާރު ކޮށް ބޭނުން ކުރަން ވަނީ ފަށާފަ އެވެ.އެގޮތުން މައިހުޅުމާލެ ޕޯޓަލްގެ ނަމުގައި ތައާރަފް ކުރި ޕޯޓަލްގެ ސަބަބުން އެތައް ބަޔަކަށް ގިނަގުނަ ލުއިތަކައެއް ލިބިގެން ދިޔަ ކަމަށް އެޗްޑީސީން ބުނެ އެވެ.
މީގެ އިތުރުން ހުޅުމާލެގައި ދިރިއުޅޭ ރައްޔިތުންނަށް އެ ކޯޕަރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތަކާއި އެހެނިހެން މައުލޫމާތު އެއްތަނަކުން ފަސޭހަ ގޮތެއްގައި މައިހުޅުމާލެ ޕޯޓަލްއިން ލިބިގެން ދާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
އެ ޕޯޓަލް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި މުނިސިޕަލް ހިދުމަތް، އިވެންޓް ސްޕޭސް ފަދަތަންތަން ބުކްކުރުން، އަދި ހިދުމަތްތަކަށް އެދުން ފަދަ ކަންކަން ހިމެނެއެވެ. އެގޮތުން މަގުމަތީގައި މަސައްކަތް ކުރާ ފަރާތްތަކަށް މަގު ބަންދު ކުރުމުގެ ހުއްދަ ވެސް އެ ޕޯޓަލް މެދުވެރިކޮށް ލިބިގެންދާނެއެވެ. މީގެ އިތުރުން އިވެންޓް ސްޕޭސްގެ ގޮތުގައި އާންމުންނަށް ދޫކުރާ އެންމެ މަގުބޫލު އެއްތަން ކަމަށްވާ ފަރުކޮޅުފުށި ވެސް އޮންލައިންކޮށް ޕޯޓަލް މެދުވެރިކޮށް ބުކް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. ކައިވެނީގެ ހަފްލާތަކާއި ކޯޕަރޭޓް އިވެންޓްސް އަދި އެކި ކަހަލަ ފަންކްޝަންތަކަށް ފަރުކޮޅުފުށީގެ ކޯޓްޔާޑް އަދި ކޮންފަރެންސް ހޯލް އާންމުންނަށް ބޭނުންކުރެވޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
މައިހުޅުމާލެ ޕޯޓަލް ތައާރަފް ކުރުމުގެ ސަބަބުން އެޗްޑީސީން ހިދުމަތް ހޯދާ ގިނަ ބައެއްގެ ވަގުތު ސަލާމަތްވެ، ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވުމާއި ހިދުމަތްތައް އަވަސްވެ އަދި ކުންފުނީގެ ހަރަދު ވެސް ކުޑަވެގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.