އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ބޭފުޅަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޯމު ހުށަހެޅުއްވުމުން ވަޒީރުން އެމަނިކުފާނަށް ތާއީދު ކުރައްވަން ފައްޓަވައިފި އެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާއިތުވި ހަތަރު އަހަރުގެ ތަޖުރިބާގައި އޭނާގެ ތާއީދުވަނީ ރައީސް ސޯލިހާއެކު ކަމަށެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ އެމްޑީޕީގެ ވެރިކަން ދަމަހައްޓަން ބާއްވާ ޕްރައިމަރީގައި އޭނާ ތާއީދު ކުރައްވަނީ ރައީސް ސޯލިހަށް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނެސްދެއްވި ރައީސަކީ ރައީސް ސޯލިހު ކަމަށެވެ. އެހެންކަމުން އެކަމަނާ ރިޔާސީ ޕްރައިމަރީގައި ތާއީދު ކުރައްވާނީ އެމަނިކުފާނަށް ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް ސޯލިހު ހުށަހެޅުއްވީ 20،000 މެންބަރުންގެ ތާއީދު ފޯމާއެކު އެވެ.

އެމަނިކުފާނުގެ އިތުރުން ދެން ޕްރައިމަރީގައި ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.