އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް ބޭނުންވާ ބައެއް ސާމާނު އެ އަތޮޅަށް ގެންގޮސްފި އެވެ.
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައި ވަނީ ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިންއާ އެވެ.
ހިތަދޫ ބަނދަރު އޮޕަރޭޓްކުރާ ހިތަދޫ ޕޯޓް ލިމިޓެޑް އިން ބުނީ އައްޑޫގެ ބިން ހިއްކުމަށް ބޭނުންވާ ސާމާނު ގެނައީ "އެޗް ސީ މެލީނާ" ކިޔާ ކާގޯ ބޯޓަކުން ކަމަށެވެ. އަދި މި ބޯޓުން ގެނައި ސާމާނުތަކުގެ ތެރޭގައި މެޝިނަރީޒް އާއި ބައެއް އިކުއިޕްމަންޓްތައް ހިިމެނޭ ކަމަށް ވެސް ހިތަދޫ ރީޖަނަލް ޕޯޓުން ބުނެ އެވެ.
އައްޑޫގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ނެދަލޭންޑްސްގެ ކުންފުނި ވެން އޫޑް ޑްރެޖިން އާ ހަވާލުކުރީ މިއަހަރުގެ ކުރީ ކޮޅު އެވެ. މި މަޝްރޫއުގެ ދަށުން އައްޑޫގެ ހިތަދޫ ޕޯޓުގެ އުތުރުން ސަރަހައްދަކާއި ދެކުނުން ސަރަހައްދެއް ހިއްކާ، މީގެ އިތުރުން މަރަދޫ އަދި މަރަދޫ ފޭދޫގެ ހުޅަނގުން ބިން ހިއްކައި ޖުމްލަ 194 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.
18 މަސް ދުވަހުގެ ތެރޭގައި ނިންމަން ކުރިއަށް ގެންދާ މި މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ އެގްޒިން ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއު ހަވާލުކުރި ވެން އޫޑް ކުންފުންޏަކީ ބިން ހިއްކުމުގެ ދާއިރާ އިން 150 އަހަރުގެ ތަޖުރިބާހުރި ކުންފުންޏެކެވެ. އަދި ބިން ހިއްކާ ނިމުމުގެ މަސައްކަތް ނިމޭއިރު އައްޑޫގެ ގޮނޑުދޮށް ހިމާޔަތް ކުރާނެ އެވެ.
އައްޑޫގައި ބިން ހިއްކުމުގެ މަޝްރޫޢަކީ ކުރިއަށް އޮތް 50 އަހަރަށް އައްޑޫއަށް ކުރިމަތިވެފައިވާ ބިމުގެ މައްސަލައަށް ހައްލެއް ގެނުވައިދޭނެ މައްސަލައެއް ކަމަށް އައްޑޫ ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފަ އެވެ. މިއީ ސަރުކާރުން ކުރިއަށްގެންދާ އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ އެއްބަ އެވެ.
މީގެ އިތުރުން ރިސޯޓު ތަރައްގީ ކުރުމަށް އައްޑޫގެ ފަޅުތެރެއިން އިތުރު ތިން ރަށެއް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.