ކުއަލަލަމްޕޫރު (19 ޑިސެމްބަރު) - ކޮވިޑް ރޯގާއިން ސަލާމަތްވުމަށް ވެކްސިން ފޯރުކޮށްދިނުމަށް، ވެކްސިން އުފައްދާ ކުންފުނި އެސްޓްރާ ޒެނެކާއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް މެލޭޝިއާއިން ބުނެފި އެވެ.

މެލޭޝިޔާގެ ހެލްތް މިނިސްޓަރު އަދްހަމް ބާބާ ވިދާޅުވީ ހޯމަ ދުވަހު އެސްޓްރާ ޒެނެކާއާއެކު ވެކްސިން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއި ކުރެވޭނެ ކަމަށެވެ. އަދި އެމެރިކާގެ ފައިޒާ ކުންފުންޏާއެކު 12.8 މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދިނުމަށް މި ދިޔަ މަހު ވަނީ ސޮއިކޮށްފަ އެވެ. މި ގޮތުން ފައިޒާ ކުންފުނިން ފުރަތަމަ އެއްމިލިއަން ވެކްސިން ޑޯޒް އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ފޯރުކޮށްދޭނެ އެވެ. އަދި އަހަރުގެ ކޮންމެ ކުއާޓާއެއްގައި ވެކްސިން ފޯރުކޮށްދީ، ހަމަކުރުމަށް އެއްބަސް ވެފައިވެ އެވެ.

ވެކްސިން ފޯރުކޮށްދިނުމަށް ވެވެނު އެއްބަސްވުންތަކުން މެލޭޝިއާގެ 20 ޕަސެންޓް މީހުންނަށް ވެކްސިން ދެވޭނެ ކަމަށް ސަރުކާރުން އުންމީދުކުރެ އެވެ. އަދި ޑަބްލިއުއެޗްއޯގެ ކޯވެކްސް ޕްރޮގްރާމްގެ ދަށުން މެލޭޝިއާގެ ރައްޔަތުންގެ 10 ޕަސެންޓަށް ވެކްސިން ދެވޭނެ ވަރަށް ވެކްސިން ލިބޭނެ ކަމަށް ބެލެވެ އެވެ. މީގެ އިތުރުން ވެސް ވެކްސިން ލިބޭނެ އިތުރު ގޮތްތަކެއް ހޯދުމުގެ މަސައްކަތްތައް މެލޭޝިއާ ސަރުކާރުން ކުރަމުން އަންނަ ކަމަށް ހެލްތް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ސެޕްޓެމްބަރު މަހުން ފެށިގެން މެލޭޝިއާގައި ވަނީ ކޮވިޑް ކޭސްތައް އިތުރުވެފަ އެވެ. މިގޮތުން މެލޭޝިއާގައި ކޮވިޑް ރޯގާއަށް ޕޮޒިޓިވް 90،816 ކޭސް ރިކޯޑް ކުރެވިފައިވެ އެވެ. އަދި 432 މީހުން މި ރޯގާގައި ވަނީ މަރުވެފަ އެވެ. – ސްޓްރެއިޓްސް ޓައިމްސް