ރާއްޖޭގައި އާންމުންގެ މެދުގައި ސުލްހަވެރިކަމާއި އެއްބައިވަންތަކަން ގާއިމްކުރެވޭނީ ރައްޔިތުންނަށް ޚިދުމަތްތައް ދިނުމުގައި ތަފާތުކުރުން ނުގެންގުޅެ، ހަމަހަމަކަމާއިއެކު ޚިދުމަތްތައް ފޯރުކޮށްދީގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ކޮޅުފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ކުރިމަތީގައި އޮތް އެންމެ އުނދަގޫ ކަމަކަށްވީ، ސިޔާސީ ކޯޅުންތަކުގެ ސަބަބުން އާންމުންގެ ތެރޭގައި އަމާންކަމާއި ސުލްހަވެރިކަން ގެއްލިފައިވުން ކަމަށެވެ.

ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެން ކުރައްވަން ޖެހިވަޑައިގެންނެވި އެންމެ ފުރަތަމަ ކަމަކީ، މުޖްތަމައުގައި ސުލްހަވެރިކަން ގާއިމުކުރުމާއި ދިވެހިން އެއްބައިވަންތަކޮށް، އެކުވެރިކަމާއެކު ހަމަޖެހިގެން ދިރިއުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. އެހެންވެ ވެރިކަމުގައި ހޭދަކުރެއްވި ކޮންމެ ދުވަހަކީ ވެސް އާންމުންގެ މެދުގައި އެއްބައިވަންތަކަން ގާއިމުކުރުމަށް މަސައްކަތް ކުރެއްވި ދުވަހެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއެކު ޚިދުމަތް ދިނުމުގެ ސިޔާސަތަކީ އެ މަގުސަދުގައި ގެންގުޅުއްވާ ސިޔާސަތެއް ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ފެށި ކޮންމެ މަޝްރޫޢެއްގެ އަމާޒަކީ، ވަކި ރަށެއް ތަފާތުނުކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެ ޚިދުމަތެއް ފޯރުކޮށްދިނުން. ބޯފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢު އަޅުގަނޑުމެން ފެށީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ޚިދުމަތް ގާއިމުކޮށްދޭން. ލަފާފުރުމުގެ މައްސަލަ ހައްލުކުރުމަށް ބަނދަރުތައް މި ހަދަނީ ވެސް، މުޅި ރާއްޖެއަށް އަމާޒުކޮށްގެން. އަތޮޅުތަކުގައި ދަތުރުފަތުރުގެ ޚިދުމަތް ފުރިހަމަކުރަމުން މިއަންނަނީވެސް މުޅި ރާއްޖޭގައި އެ ޚިދުމަތް ދޭން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އަސާސީ ޚިދުމަތްތަކުން މަހުރޫމްވެފައި ތިބޭތާ އެތައް އަހަރެއް ވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސާފު ބޯފެނާއި، ރަނގަޅު ސިއްހީ ޚިދުމަތް ލިބުން ފަދަ ކަންކަމުން ރައްޔިތުން މަހުރޫމްވެފައިވާތާ އެތައް ދުވަހެއް ވެފައިވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ މިހާރު މަސައްކަތްކުރަމުން އަންނަނީ އެ ޚިދުމަތްތައް އެންމެ ފުރިހަމައަށް ގާއިމްކޮށްދިނުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސުނާމީ ކާރިސާގައި އާންމުން ދެއްކި ހިތްވަރާއި، އެއްބައިވަންތަކަމުގެ ރޫހުގެ މައްޗަށް އަލުއަޅުއްވާލައްވާ ރައީސް ވިދާޅުވީ ސުނާމީއާ ގުޅިގެން ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައި، ޙާލުގައި ޖެހުނު މީހުންގެ މެދުގައި ހިނގައި ދިޔަ ފަދަ ހަމަނުޖެހުންތަކެއް، އިރާދަކުރެއްވީތީ އަޅުގަނޑުމެންގެ ތެރެއަކު ނުހިނގާ ކަމަށެވެ. މީހުން ދިރިނުއުޅެވޭ ވަރަށް ބައެއް ރަށްރަށް ހަލާކުވެ ވަރަށް ގިނަ ރަށްރަށަށް ބޮޑެތި ގެއްލުންތައް ލިބުނުކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެހެން ނަމަވެސް، އެ ހިތާމަތައް ތަޙައްމަލުކުރުމުގަ އާއި އެ ދަތިތައް ފޫބެއްދުމަށް ކުރި މަސައްކަތުގައި، ގެއްލުން ލިބުނު ރަށްރަށާއި ގެއްލުން ނުލިބޭ ރަށްރަށާ ދެމެދު ތަފާތެއް ނެތް ކަމަށެވެ. އަދި އެހެން ގައުމުތަކުގައި ހިނގި ފަދަ ހަމަނުޖެހުންތައް ރާއްޖޭގައި ނުހިނގީ ޙާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެއްކި އެއްބައިވަންތަކަމުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވި އެވެ.