އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ކެންޑިޑެސީ ބަލައިގަނެ ކެންޑިޑޭޓް ނަންބަރު ތަރުތީބުކޮށްފި އެވެ.
ކެންޑިޑޭޓް ނަންބަރު ތަރުތީބު ކުރުމުން ރައީސް ނަޝީދަށް ލިބިވަޑައިގަތީ ކެންޑިޑޭޓް ނަންބަރު 1 އެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ ކެންޑިޑޭޓް ނަންބަރު 2 އެވެ.
ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވައިލީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުއެވެ. އެ މުއްދަތު ހަމަވީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ ޕްރައިމަރީގެ ކަންކަން އިންތިޒާމުކުރަން ޚާއްސަ ކޮމިޓީއެއް އެކުލަވައިލައިފަ އެވެ. އެ ކޮމިޓީގައި ރައީސް ސޯލިހަށް ވަފާތެރި ބޭފުޅުން އެކަނި ތިއްބެވި ކަމަށް ވިދާޅުވެ ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ނަޝީދު ފެކްޝަންގެ މެމްބަރުން ވިދާޅުވީ އެ ކޮމިޓީ ނަގާފައި ވަނީ އިންތިހާބާ މެދު ސުވާލު އުފެދޭ ގޮތަށް ކަމަށެވެ.
ޕްރައިމަރީގައި ވާދަކުރައްވަން އެންމެ ފުރަތަމަ ހުށަހެޅުއްވީ ނަޝީދެވެ. އެމަނިކުފާނު ހުށަހެޅުއްވީ 500 މެންބަރުންގެ ތާއީދާއެކު އެވެ. ރައީސް ސޯލިހު ހުށަހެޅުއްވީ 20،000 މެންބަރުންގެ ތާއީދާްއެކު އެވެ.