އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ މައި މަރުކަޒަކަށް ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ބައެއް ހަމަޖައްސައިފި އެވެ.

ރިޔާސީ އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ މައި މަރުކަޒުގެ ގޮތުގައި ބޭނުން ކުރުމަށް އަަޑުގެ އިމާރާތުން ބައެއް، އަންނަ ޖެނުއަރީމަހު ހަމަޖެހޭނެ ކަމުގެ ޔަގީންކަން ޕީއެސްއެމް އިން ދީފައިވާ ކަމަށެވެ.

އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ފެށެން އޮތީ އެފަދަ މަސައްކަތްކުރެވޭނެ ބޮޑު ތަނެއް ލިބިގެންކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިހާބުގެ ރަޖިސްޓްރޭޝަންގެ މަސައްކަތްތަކާއި ކޮމްޕްލަޔަންސް ބިއުރޯގެ އިތުރުން އިންތިހާބުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ތަމްރީން ކުރުމުގެ މަސައްކަތްތަކާއި ކޯޑިނޭޝަންގެ މަސައްކަތްތައްވެސް ކުރުމަށް ހަމަޖެހިފައިވަނީ އެތަނުގައިކަމަށް ހަބީބު ވިދާޅުވި އެވެ.

ދެހާސް ތޭރަ ވަނަ އަހަރުން ފެށިގެން ބޭއްވި ހުރިހާ އިންތިހާބުތަކެއްގެ އިންތިހާބީ މައި މަރުކަޒުގެ ގޮތުގައި ބޭނުންކޮށްފައި ވަނީ ބާ ޖަލާލުއްދީނެވެ. ނަމަވެސް އަރަބިއްޔާ ސްކޫލް އިމާރާތް ކުރަން އެތަން މިހާރު ވަނީ ތަޅާލައިފަ އެވެ.