ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމުގެ އަސްލަކީ ރާއްޖޭގެ ރައީސް ކަމަށް ވަޑައިގަތުމަށް ރައީސް ނަޝީދު ބޭނުންފުޅުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ނަޝީދަކީ އަބަދުވެސް ވެރިކަމުގައި ހުންނަވަން ބޭނުންފުޅުވާ ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑު ނޫން ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުންނެވި ނަމަވެސް މި މައްސަލަ އޮންނާނެ. ރައީސް ނަޝީދަކީ އަބަދުވެސް ވެރިކަމުގައި ހުންނަން ބޭނުންވާ ބޭފުޅެއް،" ރައީސް ވިދާޅުވި އެވެ.

"ވަކި މީހެއްގެ ވަކި ކަމެއް ހާސިލްކުރުމަށް ޓަކައި އަޅުގަނޑަށް ހުށަހަޅާ ހުށަހެޅުމެއްގައި އަޅުގަނޑަށް ގޮތެއް ނިންމޭނީ ދެން ތިބި އެންމެންގެ މަޝްވަރާ މަތީގައި. މި ވަގުތު ހިޔާލުތަފާތުވުން އުފެދި އޮތް މައިގަނޑު ސަބަބަކީ ވެރިކަމުގައި މި ހުރި ހުރުން،"

ނަޝީދު ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް, ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް, އެމްޑީޕީން އެކަނި ވެރިކަމަށް އައުމަށެވެ. ނަމަވެސް، މިއަދު ވެސް ރައީސް ސޯލިހު ވަނީ ކޯލިޝަނަކާ އެކު ވެރިކަން ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދާ ރައީސް ސޯލިހާ ދެމެދު ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ. ނަޝީދު ވަނީ ރައީސް ސޯލިހުގެ ބޮލުގައި ވަރަށް ބޮޑެތި ތުހުމަތުތަކެއް ވެސް އަޅުވާފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކަންތައްތައް ގެންދަނީ އިންސާފުވެރިކޮށް ނޫން ކަމަށް ވިދާޅުވެ ނަޝީދު ވަނީ އެމްޑީޕީގެ ލީޑާޝިޕަށް ވެސް ފާޑު ވިދާޅުވެފަ އެވެ. ނަޝީދު ތުހުމަތު ކުރައްވާ ގޮތުގައި އެމްޑީޕީގެ ލިޑާޝިޕުން މަސައްކަތް ކުރަނީ ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބުކޮށްދިނުމަށެވެ،