ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވޯޓުލުމަށް ނެރުނު ވޯޓާސް ލިސްޓުގައި ތިބި ޕާޓީގެ ރަޖިސްޓްރީގައި ނެތް މީހުން ލިސްޓުން އުނިކޮށްފި އެވެ.

އެމްޑީޕީން ވޯޓާސް ލިސްޓް އާންމުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އެ ލިސްޓުގައި ތިބީ 57،714 މީހުންނެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކު ވިދާޅުވީ ކޮމިޝަނުން ބަލަހައްޓާ ދަފްތަރުގައި މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބީ 57،257 މީހުން ކަމަށެވެ.

އެމްޑީޕީގެ ލިސްޓުގައި 400 އަށްވުރެ ގިނަ މީހުން އިތުރުވެފައިވާތީ އެކަމާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ އެމީހުންނަކީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހާ ހަމައަށް އެ ޕާޓީއަށް ވަނުމަށް އެދި ފޯމު ހުށަހަޅާފައިވާ މީހުން ކަމަށެވެ.

އޭނާ ވިދާޅުވީ އެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން ބަލައިގަތަސް އަދި ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިނުވާ ކަމަށެވެ.

ވޯޓާސް ލިސްޓާ ގުޅޭ ޝަކުވާތަކެއް ހުށަހެޅުއްވީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު ހުށަހެޅުއްވި އެންމެ ބޮޑު ޝަކުވާއަކީ ޕާޓީގެ ރަޖިސްޓްރީގައި ނެތް 457 މީހުން ވޯޓާސް ލިސްޓުގައި ހިމަނާފައިވާ ކަމުގެ ޝަކުވާ އެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވީ މިދިޔަ އާދީއްތަ ދުވަހުއެވެ.

"ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން މި ޝަކުވާކުރުމާއި އެއްކޮށް، އަޅުގަނޑުމެން ނިންމީ ޑިސެމްބރު 18 ވަނަ ދުވަހާ ހަމައަށް ލިސްޓުގައި ނެތް މީހުން ވޯޓާސް ލިސްޓުގައި ނުހިމެނޭނެކަން. އެމީހުން ދާއިމީ ލިސްޓުގައި ނޭރުވޭނެ ކަމަށް،" އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

ނަޝީދު ކުރައްވާ ތުހުމަތާ ގުޅިގެން އިބުރޭ ވިދާޅުވީ އެމަނިކުފާނަށް ތާއީދު ކުރާތީ އެއްވެސް މީހަކު ވޯޓާސް ލިސްޓުން އުނިކޮށްފައިނުވާނެ ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.