ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ފަހުން ގެއްލިގެން ހޯދަމުންދިޔަ ދެ މީހުންގެ ތެރެއިން އެކަކު ކަމަށްވާ މުހައްމަދު ނާޒިމް މަރުގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނިކޮށް ނާޒިމް ގެސްޓް ހައުސްއަކުން މިއަދު ފެނިފައިވާ ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާ މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.

"އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަރުގެ މައްސަލައަކާ ގުޅިގެން،" ފުލުހުން ބުންޏެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ތެޔޮ ބޯޓަކުން ގެއްލުނު ކަމަށް ބުނެ ފުލުހުން ހޯދަމުންދިޔަ ނާޒިމް މާލޭގައި ހުރިކަން އިއްޔެ ހާމަވެފައި ވަނީ ސޯޝަލް މީޑިއާގައި މީހަކު އޭނާއާ ބައްދަލުވެ އެ ފޮޓޯ ނަގާ އާއްމު ކުރުމުންނެވެ. މިކަމާ ގުޅޭގޮތުން ނޫސްވެރިން ސުވާލު ކުރުމުން ފުލުހުން އެ ސުވާލުތަކަށް ޖަވާބު ދީފައެއް ނުވެ އެވެ.