ވެރިކަން ލިބިއްޖެނަމަ ހިންގާނެ މެގަ ޕްރޮޖެކްޓަކީ ބްރިޖް އެޅުން ނޫން ކަމަށާއި، އެއީ 10،000 ވިޔަފާރިވެރިން އުފެއްދުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގައި ބޭއްވި "ބޮޑު ބަދަލު" ވޯކްޝޮޕްގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ކުރިއަށްގެންދާނެ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށްވާ 10،000 ވިޔަފާރިވެރިން އުފެއްދުމާ ގުޅޭގޮތުން އާންމުން ހިޔާލުތައް ދިނުމަށް އެދޭ ކަމަށެވެ.

"އަޅުގަނޑުގެ މެގަ ޕްރޮޖެކްޓަކަށް ވާނީ ދިވެހިރާއްޖޭގައި 10،000 ވިޔަފާރިވެރިން އުފެއްދުން. ބްރިޖެއް ނޫން. އެހެން ކަމެއް ނޫން. އެހެންވީމަ އަޅުގަނޑު ވަރަށް ބޮޑަށް އެދެން އެ އޭންގަލުންވެސް ތިބޭފުޅުން ވިސްނާފައި އަޅުގަނޑުމެންނާ ހިސާބަށް ހިޔާލުތަކެއް ދެއްވުން،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި އޭނާ ބޭނުންވަނީ ވަޒީފާތަކުން ރައްޔިތުން މިނިވަންކޮށް، މާލީ ގޮތުން މިނިވަންކަން ހޯދައިދިނުމަށެވެ. ސަރުކާރުގެ ވަޒީފާތަކުގައި ތިބޭއިރު ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ވަޒީފާ ގެއްލުމުގެ ފުރުސަތު އަބަދުވެސް އޮންނަ ކަމަށާއި އެކަމުގެ ހައްލަކީ އަމިއްލަ ފައިމައްޗަށް ތެދުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން، ކޮންމެ ރަށެއްގައި ހުރި އިގްތިސާދީ ފުރުސަތުތައް ދެނެގަނެ، އަމިއްލައަށް މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް ދައުލަތުގެ ބަޖެޓުން ބޮޑު ބައެއް ހޭދަކޮށްގެން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އަމާޒެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.