ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރާ މެންބަރުންނަށް ކޮންމެ މަހަކު ރައީސް މުހައްމަދު މުއިއްޒު ބައިލައްކަ ރުފިޔާ ދިނުމަކީ ކޮރަޕްޝަންގެ އަމަލެއް އެކުލެވިގެންވާ ކުށެއް ނޫން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން މިކަން ހާމަކުރީ "އަދަދު" ނޫހުން ހޯދަން އެދުނު މައުލޫމާތަކަށް ދިން ޖަވާބުގަ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުން (އާރްޓީއައި) ގެ ދަށުން އޭސީސީއަށް އަދަދު އިން ކުރި ސުވާލަކަށް ދިން ޖަވާބުގައި އެ ކޮމިޝަނުން ބުނީ ޕްރިލިމިނަރީ ތަހުގީގު މަރުހަލާއިން ބެލި ބެލުންތަކުން، އެ މައްސަލައިގައި ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ ކަމަށް ނިންމާފައިވާ ކަމަށެވެ.

"30 ޖުލައި 2026 ގައި ޕްރިލިމިނަރީ ތަހުގީގު މަރުހަލާއިން ބެލިބެލުންތަކުން، ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއް [މެންބަރުންނަށް މުއިއްޒު ބައިލައްކަ ރުފިޔާ ދިން ކަމަށް ބުނާ މައްސަލަ] ކަމަށް ކަނޑައެޅިފައިވާތީ، މައްސަލައިގެ ތަހުގީގު ކުރިއަށް ނުގެންދިޔުމަށް ނިންމާފައި،" އޭސީސީން ބުންޏެވެ.

ޕީއެންސީގެ މެންބަރުންނަށް ރައީސް މުއިއްޒު 50،000ރ. ނަގުދު ފައިސާއިންދޭ ކަމުގެ ހެއްކާއެކު އަދަދު ނޫހުން ވަނީ ޑޮކިޔުމެންޓްރީއެއް ވެސް ގެނެސްދީފަ އެވެ. ބައެއް މަސްތަކުގައި ޕީއެންސީގެ މެންބަރުންނަށް 75،000ރ. ވެސް ދީފައިވާ ކަމަށް ބައެއް މެންބަރުން ވަނީ ކިޔައިދީފަ އެވެ.

ޕީއެންސީގެ 75 މެންބަރުންނަށް ބައިލައްކަ ރުފިޔާ ދޭން މަހެއްގެ މައްޗަށް 3.75 މިލިއަން ރުފިޔާ ހޭދަވާނެ އެވެ. އެކަމަކު އެ ފައިސާ ހޯދާގޮތެއް ނޭނގެ އެވެ.

މަޖިލިސް މެންބަރަކަށް ކޮމިޓީ އެލަވަންސްއާއެކު ކޮންމެ މަހަކު 82،500 ރުފިޔާ ލިބެ އެވެ.