ފުވައްމުލައް ސިޓީގައި ތަރައްގީގެ މަޝްރޫއެއް ނުހިންގައޭ ބުނުމަކީ ޖޯކެއް ކަމަށް ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ދާދިފަހުން ފުވައްމުލަކަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅެއްގައި ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބުގައި ފުވައްމުލަކުގެ މެޖޯރިޓީ އެމްޑީޕީއަށް ދިންނަމަވެސް ވޯޓުދިން މިންވަރާ ގާތަށް ވެސް އެ ސިޓީއަށް ކަމެއްކޮށްދެވިފައިނުވާ ކަމަށެވެ.

މިރޭ މާލޭގައި ބޭއްވި ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާގައި އެމަނިކުފާނު ވަނީ ނަޝީދުގެ އެ ވާހަކަފުޅަށް ރައްދު ދެއްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ފުވައްމުލަކުގައި ތަރައްގީގެ މަޝްރޫއެއް ނުހިންގައޭ ބުނުމަކީ ޖޯކެއް ކަމަށެވެ.

ފުވައްމުލަކުގެ މަޝްރޫއުތަކަށް އެކަނި 786 މިލިއަން ރުފިޔާ ހަމަޖައްސައި އެ ފައިސާގެ ތެރެއިން 436 މިލިއަން ރުފިޔާ އެކި މަޝްރޫއުތަކަށް ހަރަދުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ރައީސް ވިދާޅުވީ އެމަނިކުފާނު އެއްވެސް މީހެއްގެ އަޅަކަށް ވެވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނު ކަންކަން ނިންމާނީ އެންމެންގެ މަޝްވަރާއާއެކު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ރިޔާސީ އިންތިހާބަށް ނުކުންނަނީ ތަޖުރިބާތަކަކާއެކު އެމްޑީޕީއަށް އިންތިހާބު ކާމިޔާބުކޮށްދޭން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ނިކުމެ މިހުރީ. އެއް އަހަރަކަށް ނޫން، ދެ އަހަރަކަށް ނޫން، ތިން އަހަރަކަށް ނޫން، ހަތަރު އަހަރަކަށް ނޫން، ފަސް އަހަރަށް ރިޔާސީ ދައުރެއް ކާމިޔާބުކޮށްދޭން. އަޅުގަނޑު ނިކުމެ މިހުރީ ތަޖުރިބާ ތަކަކާއެކު. ރައްޔިތުންގެ ކުރިމައްޗަށް ނިކުމެ ހަ އިންތިޚާބު އަޅުގަނޑު ކާމިޔާބުކޮށްފިން. މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު،" ރައީސް ވިދާޅުވި އެވެ.

އިންތިހާބު ކާމިޔާބު ކުރާނެ ފޯމިއުލާ އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި ރައްޔިތުންގެ ތާއީދާއެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.