"ވެލާނާގޭ ބެއްޔާޔާ ކުވާ މުހަނދޭއާ ގެނައި އިންގިލާބުގައި އެ މިހުންނޭ ނިމިދާނީ"

މިއީ ނަވާރަ ސަތޭކަ އަށްޑިހައިގެ ކުރީކޮޅުގެ އަހަރުތަކުގެ ތެރޭގައި ދިވެހި ރާއްޖޭގެ އަޑުން އާންމުކޮށް އެންމެ ގިނައިން ބްރޯޑްކާސްޓް ކުރަމުން ގެންދިޔަ "ބާޣީ" ލަވަތަކުގެ ތެރެއިން އެއް ލަވައެއްގެ ފެށޭ ތަންކޮޅެވެ.

އެ ލަވައިގައި އެބުނާ ވެލާނާގޭ ބެއްޔާއަކީ ދިވެހިންގެ އެންމެ ބޮޑު ފަޚުރު ކަމުގައިވާ މިނިވަންކަން، ދިވެހިންގެ ބަޔަކު އިނގިރޭސިންނަށް ހިބަކޮށް ދީފައި ވަނިކޮށް އެ މިނިވަންކަން އަނބުރާ ހޯއްދަވައި ދެއްވި ބަތަލެވެ. ނިޝާން ޣާޒީގެ އިއްޒަތްތެރި ވެރިޔާ އެވެ.

ސުމުއަވުލް އަމީރު އިބުރާހިމް ނާސިރު ރަންނަބަޑޭރި ކިލެގެފާނު، ނިޝާން ޣާޒީގެ އިއްޒަތްތެރި ވެރިޔާއަކީ ދިވެހި ގައުމު އަމިއްލަ މުސްތަގިއްލު ގައުމެއްގެ ގޮތުގައި ދުނިޔެއަށް ނެރެދެއްވި ބޭފުޅާ އެވެ. އިނގިރޭސިންގެ ފިއްތުންތަކަށް ދޫ ނުދެއްވައި، ހިކުމަތްތެރިކަމާއެކު މުއާމަލާތު ކުރައްވައި ރާއްޖެއަށް މިނިވަންކަން ހޯއްދަވައި ދެއްވި އެވެ.

ބޭރުގެ ތަޖުރިބާކާރުން ނުވާނެއޭ ބުނި ބަހަށް ބެއްލެވުމެއް ނެތި ރާއްޖޭގައި ޓުއަރިޒަމް ފައްޓަވައި އެކަމަށް ބޭނުންވާނެ އެއާޕޯޓާއި މުވާސަލާތުގެ ޚިދުމަތް ތައް ތައާރަފު ކުރެއްވި އެވެ. ރޭޑިޔޯ އާއި ޓީވީގެ ޚިދުމަތް ފެއްޓެވި އެވެ. މާލޭގައި ގަވަމެންޓް ހޮސްޕިޓަލުގެ ނަމުގައި ހޮސްޕިޓަލެއް އަޅުއްވައި ރާއްޖެތެރޭގައި ހެލްތު ސެންޓަރުގެ ޚިދުމަތް ފެށްޓެވި އެވެ. މާލޭގައި ހުރި ސަރުކާރުގެ ސްކޫލްތަކުގައި އިނގިރޭސި މީޑިއަމަށް ކިޔެވުން ފަށްޓަވައި ރާއްޖެތެރޭގައި ކޮމިއުނިޓީ ސްކޫލް ތައާރަފް ކުރެއްވި އެވެ. މަސްދޯނި ފަހަރުގައި އިންޖީނު އަޅުއްވައި ރާއްޖޭގެ މަސްވެރިކަމަށް އިންގިލާބެއް ގެންނެވި އެވެ.

ރާއްޖެއަށް މިނިވަންކަން ލިބުނު އެއްބަސްވުމުގައި ރައީސް އިބްރާހިމް ނާސިރު ޖުލައި 26، 1965 ގައި ސޮއިކުރައްވަނީ.

ރޯ މަސް ބޭރަށް ވިއްކޭނޭ މަގު ފަހި ކޮށްދެއްވައި ފެލިވަރުގައި މަސްފެކްޓްރީ އެއްވެސް ބިނާކުރެއްވި އެވެ. އަވައްޓެރި ގައުމުތައް ފަސްޖެހޭ ފަދަ ބިޔަ ޝިޕިންގް ލައިނެއް އުފައްދަވައި ކަމިޔާބު ކަމާއެކު ހިންގެވި އެވެ. ބޭރުން ވިޔަސް އެތެރެއިން ވިޔަސް ސަރުކާރަށް އެއްވެސް ލޯނެއް ނެގުމެއް ނެތި އެވެ. މި ހުރިހާ ޚިދުމަތެއް ރާއްޖެއަށް ކޮށްދެއްވައި ރާއްޖެ ދުނިޔައަށް ހުޅުވައި ދެއްވުމަށް ފަހު އަމިއްލައަށް އިސްތިޣުފާ ދެއްވައިފައި، ސިންގަޕޫރަށް ފުރާވަޑައިގެންނެވި ގޮތަށް އެ މަނިކުފާނަށް ދިރިހުއްޓާ ރާއްޖެ ވަޑައި ނުގެންނެވުނީ ކީއްވެގެން ހެއްޔެވެ؟ މިއީ ކުރަން ހަމަ އެންމެ ރަނގަޅު ސުވާލެކެވެ.

އެ ސުވާލުގެ ޖަވާބު ހޯދާލުމަށް ބަލާލާއިރު ފާހަގަކޮށްލެވޭ އެއްކަމަކީ 1980ގެ ކުރީ ކޮޅުގެ އަހަރުތަކުގައި ރާއްޖޭގައި ނުކުތް ނޫސްތަކާއި ރޭޑީޔޯ އާއި ޓީވީ ސްޓޭޝަނުން ފޮނުވި ޕްރޮގްރާމްތަކުގައި ރައީސް ނާސިރަށް ލިބިފައިވާ ލަގަބުތަކުގެ ބަދަލުގައި ލިޔެފައި ހުއްޓާ ފެންނަން އޮތް "ބާޣީ"ގެ ލަގަބެވެ.

ބާޣީ ލަގަބު ނާސިރަށް ލިބުނީ އޭނާ ވެރިކަން ދޫކުރައްވައި ވަޑައިގެންނެވިތާ މާގިނަ ދުވަހެއް ނުވެ، އޭރުގެ ރައީސް މައުމޫނު ވެރިކަމުން ވައްޓާލުމަށްޓަކައި ބޭރުގެ ކުލީ ސިފައިން ރާއްޖެ ގެންނަން ރޭވި ކަމުގެ ކުށުގަ އެވެ. އެ ތުހުމަތުގައި ޣައިރު ހާޒިރުގައި ޝަރީއަތްކޮށް ނާސިރު ކުށްވެރިއެއްކަމުގައި ކަނޑައެޅުނެވެ. އެމަނިކުފާނުގެ މުދާ ސަރުކާރަށް ނެގި އެވެ. އެ ހިސާބުން ފެށިގެން ދިވެހިންގެ ކުރިމަތީގައި ނާސިރަކީ ބާޣީ އެކެވެ. ރާއްޖެ ނާދެވި ސިންގަޕޫރުގައި އެކަނިވެރި ދިރިއުޅުމެއް ހޭދަކުރައްވަން ޖެހިވަޑައިގެންނެވީ އެ ސަބަބާ ހުރެކަމުގައި ބެލެވެ އެވެ.

ސިންގަޕޫރުގައި އެމަނިކުފާނު ދިރި އުޅުއްވި ދުވަސްވަރު ދިވެހިންނާ މާބޮޑު ގުޅުމެއް ނުބާއްވަ އެވެ. ރާއްޖޭގައި ހިނގައި ދިޔަ ޝަރީއަތްތަކާއި އޭނާގެ ބޮލުގައި އެޅިފައި އޮތް އިލްޒާމާ ބެހޭ ގޮތުން އެއްވެސް ވާހަކަފުޅެއް އާންމުކޮށް ދައްކަވާފައެއް ނުވެ އެވެ. އެހެންކަމުން ދިވެހި ސަރުކާރުން ނާސިރާ ބެހޭ ގޮތުން ދައްކަމުން ގެންދިޔަ ވާހަކައިގައި ފެންނަން އޮތީ އެއްފުށެވެ. ނާސިރުގެ ވާހަކަ އަޑު އިވޭ ގޮތެއް ނުވި އެވެ.

ނާސިރުގެ ވާހަކަ އަޑު ނުއިވުނު ކަމުގައި ވިޔަސް ނާސިރާއެކު ބާޣީ ލަގަބު ލިބުނު ބައެއް އެހެން ފަރާތްތަކުން އެ ބަޣާވަތުގެ ހަރަކާތާ ބެހޭ ގޮތުން ވާހަކަ ދައްކާކަށް އެއްވެސް ޖެހިލުމެއް ނުވެ އެވެ.

ރައީސް ނާސިރުގެ އެކުވެރިޔާ ކުވާ މޮހޮދޭ.

ކުވާ މުހަންމަދު މަނިކު (ކުވާ މޮހޮދޭ) އަކީ ނާސިރާ އެކު ބާޣީ ލަގަބު ލިބި އެ ބަޣާވަތުގެ ކުށުގައި އަދަބު ލިބުނު މީހުންގެ ތެރެއިން އެކެކެވެ.

މޮހޮދޭ ދާދިފަހުން "ހުރިހާ" އަށް ކިޔައި ދިންގޮތުގައި މައުމޫނުގެ ވެރިކަން ބަދަލު ކުރަން މަސައްކަތް ކުރި މަސައްކަތުގައި ނާސިރުގެ އެއްވެސް ރޯލެއް ނެތެވެ. ނާސިރުގެ ބައިވެރިވުމެއް ވެސް މަޝްވަރާއެއް ވެސް އެކަމުގައި ނެތެވެ.

މޮހޮދޭ ބުނި ގޮތުގައި އެކަމެއް ހިނގީ ނާސިރުގެ އަނބިކަނބަލުންގެ އާއިލާއަށް އޭރުގެ ސަރުކާރުން ކުރަމުން ގެންދިޔަ ދަތިކުރުންތަކަކާ ހެދި ކެރަފާ އަހުމަދު ނަސީމު (މިހާރުގެ ހެލްތު މިނިސްޓަރު) ގެ އިސްނެގުމުގެ މަތީންނެވެ. ނަސީމަކީ އެ ބަޣާވަތާ ގުޅިގެން ހިންގި ޝާރީއަތުގައި ކުށްވެރިވެ، އަދަބު ލިބުމަށްފަހު ފަހުން މައާފު ލިބިފައިވާ މީހެކެވެ.

މައުމޫނުގެ ބައޮގްރަފީގައި އެމަނިކުފާނާ ހަވާލާދީ މި ބަޣާވަތުގެ ވާހަކަ ލިޔެފައި އޮތްއިރު އެކަމަކީ ކަނޑައެޅިގެން ނާސިރާ ގުޅުން ހުރި ކަމެއްކަމަށް ބުނެފައެއް ނުވެ އެވެ.

އިނގިރޭސި ވިލާތުގެ ގެޓްވިކުން ފުރައިގެން ޑައިވިންގް ގްރޫޕެއްގެ ނަމުގައި ރާއްޖެއައި އެ ގައުމުގެ ކުލީ ސިފައިންގެ 9 މީހުންނާ ބެހޭ މައުލޫމާތު މައުމޫނަށް ދެއްވީ ކޮލި އަލިމަނިކު ކަމުގައި އެފޮތުގައި މައުމޫނާ ހަވާލާ ދީ ލިޔެފައިވެ އެވެ.

ޑައިވިން އިކުއިޕްމެންޓުގެ ނަމުގައި މައުމޫނު އަވަހާރަ ކޮށްލަން ރާއްޖެއަށް ކުދި ފިސްތޯލަތަކަކާއެކު އައި މިގްރޫޕް ފުރައިގެން ދިޔަކަމުގައި ވަނީ އެމީހުނަށް ލިބިފައި ހުރީ ސައްހަ ނޫން މައުލޫމާތުތައް ކަމުގައި ވިސްނިގެން އައި ރުޅިގައި ކަމުގައި ވެސް އެ ލިޔުމުގައިވެ އެވެ.

ބަޣާވާތާ ބެހޭގޮތުން މައުމޫނު ވިދާޅުވެފައި ވާގޮތުގައި އެމަނިކުފާނު ރާއްޖޭގެ ވެރިކަމަށް އިސްކުރުމަށް އެންމެ ފުރަތަމަ ވެސް ދެކޮޅު ހެދި ބަޔަކު ތިއްބެވެ. އެމަނިކުފާނު ދެކެވަޑައިގެންނެވި ގޮތުގައި ވެރިކަމަށް އަހަރު ވެސް ނުވަނީސް އެފަދަ ބަޔަކު ގެނެސްގެން ވެރިކަން ވައްޓާލުމަކީ ފަސޭހަކަމެއްކަމުގައި އެ ބަޔަކު ދުށް ކަމަށް ވުމީ އެކަށީގެންވާ ކަމެކެވެ. ސިންގަޕޫރުގެ މީޑިޔާއަށް ފޮނުއްވި ލިޔުމެއް މެދުވެރިކުރައްވައި ނާސިރު ވަނީ އެ ބަޣާވަތުގެ އަމަލާ އެމަނިކުފާނާ އެއްވެސް ގުޅުމެއް ނެތްކަމުގައި ވިދާޅުވެފަ އެވެ.

އެ ލިޔުމުގައި ވާ ގޮތުން ސިންގަޕޫރަށް ވަޑައިގެންނެވި ފަހުން ރާއްޖޭގެ ސިޔާސަތާ އެއްވެސް ހާލެއްގައި އެމަނިކުފާނު ބެހިވަޑައެއް ނުގަންނަވަ އެވެ.

ނާސިރު ސިންގަޕޫރަށް ވަޑައިގެންނެވުމަށް ފަހު ދެފަހަރެއްގެ މަތިން ދިމާވިކަމުގައި ފާހަގަކުރަމުން ކުވާ މޮހޮދޭ ބުނި ގޮތުގައި އޭގެ ތެރެއިން ދެވަނައަށް ދިމާވީ ހޮންގްކޮންގުންނެވެ.

ރާއްޖެއަށް މިނިވަންކަން ހޯއްދަވައި ދެއްވި ރައީސް ނާސިރު

އެ ދަތުރުފުޅުގައި ދެކެވުނު ވާހަތަކުގެ ހަނދާން އާކުރަމުން މޮހޮދޭ ބުނީ ނާސިރު އޭނާއަށް ދިވެހި ސަރުކާރުން މާފުދެއްވި ވާހަކަ ވިދާޅުވި ކަމުގަ އެވެ. އެ ވާހަކައިގެ ތަފުސީލު ދެއްވަމުން މޮހޮންދޭ ގާތު ނާސިރު ވިދާޅުވި ގޮތުގައި ސަރުކާރުން ނާސިރަށް މައާފުދެއްވުމާ އެކު ރާއްޖެ ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ނާސިރު ރައީސް މައުމޫނަށް ސިޓީފުޅެއް ފޮނުއްވި އެވެ.

އެ ސިޓީފުޅުގެ ޖަވާބަކަށް ވީ ކަންތައް އޮތް ގޮތުން މާލެ ވަޑައިގަންނަވަން ފެނިވަޑައި ނުގަންނަވާކަމުގަ އެވެ. އެހެންކަމުން ނާސިރު ދެވަނަ ސިޓީފުޅެއް ވެސް މައުމޫނަށް ފޮނުއްވި އެވެ. އެ ސިޓީގައި ނާސިރު ލިއުއްވި ކަމަށް ނާސިރާ ހަވާލާ ދެއްވައި މޮހޮދޭ ބުނީ "މަނިކުފާނަށް ފަސޭހަފުޅު ދުވަހަކުން މާލެ ގޮސް، މަނިކުފާނު ބެހެއްޓެވި ތަނެއްގައި ހުރެފައި، މަނިކުފާނު ދެއްކެވި ތަނެއް ބަލައިފައި، އެނބުރި އަންނަން،" ބޭނުން ފުޅުވެ ވަޑައިގަންނަވާ ކަމުގަ އެވެ. އެހެން ނަމަވެސް ސިރަކަށް އެ ސިޓީގެ ޖަވާބެއް ނުލިބުނެވެ.

މާލޭ ހުކުރު މިސްކިތުގައި ހުންނަ ރައީސް ނާސިރުގެ މަގުބަރާ.

ނާސިރު ރާއްޖެ ވަޑައިގެންނެވުމަށް ބޭބުންފުޅުވެގެން ދިވެހި ސަރުކާރުގައި އެދިވަޑައިގެންނެވި ކަމުގައި ވާނީ މިނިވަން 25ގެ ރަސްމިއްޔާތުގައި އެމނިކުފާނަށް މާފު ދެއްވައިފިކަމުގައި އޭގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ވިދާޅުވި ވިދާޅުވުމަށް އަމާޒު ކުރައްވައި ކަމުގައިވުމީ އެކަށީގެންވާ ކަމެކެވެ.

އަމިއްލަ ވަޒަނަށް ޒިޔާރަތް ކޮށްލަން ހުއްދަޔަށް އެދި އެ ގައުމަށް މިނިވަންކަން ހޯއްދަވައި ދެއްވި ލީޑަރު ފޮނުއްވި ސިޓީއަށް ދިރިހުއްޓާ ޖަވާބު ލިބުމުގެ ނަސީބު ނާސިރަކަށް ނުލިބުނެވެ. އެހެން ނަމަވެސް 2008 ގައި އެމަނިކުފާނުގެ ފުރާނަނެތް ހަށިކޮޅު ރަސްމީ އިއްޒަތުގައި ރާއްޖެ ގެނެސް ގައުމީ އެންމެ މަތީ ބަތަލެއްގެ ދަރަޖައިގައި ވަނީ ފަސްދާނު ވެޑުވިފަ އެވެ.