ބޮލީވުޑްގެ ކާމިޔާބު ފިލްމުތަކެއް ކުޅެދީ، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ރިތިކް ރޯޝަން، އޭނާގެ ލޯބިވެރިޔާ ސަބާ އާޒާދުއާ ކައިވެނި ކުރަން އުޅޭކަމުގެ ވާހަކަތައް ފެތުރިއްޖެ އެވެ.

ފުރަތަމަ ވަރަށް ސިއްރުން އުޅުމަށް ފަހު ފަހުން ދެ މީހުން ވަނީ ރަސްމީކޮށް ގުޅުން އޮންނަކަން ހާމަކޮށްފައި އެވެ. އޭގެ ފަހުން އާއިލީ ބައްދަލުވުންތަކުންނާއި ޕާޓީތަކުން ރިތިކާއި ސަބާ އެއްކޮށް ފެނެ އެވެ.

އެގޮތުން މިއަހަރުގެ ތެރޭގައި ރިތިކު އާއި ސަބާ ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށް އާއިލާއިން މީޑިއާތަކަށް ބުނެފައިވެ އެވެ. ނަމަވެސް މި ހަބަރު އެ ދެތަރިން ރަސްމީކޮށް އާންމުންނާ ހިއްސާކޮށްފައެއް ނުވެ އެވެ.

ރިތިކާއި ސަބާ ރައްޓެހިވެގެން އުޅޭތާ މިހާރު ދުވަސްތަކެއްވެފައިވާ އިރު،ރިތިކްގެ އާއިލާގެ ރުހުން ވެސް ސަބާ އަށް ވަރަށް ބޮޑަށް ލިބިފައިވެ އެވެ. އަނެއްކޮޅުން ރިތިކްގެ ކުރީގެ އަންހެނުން އަދި ދެ ދަރިންގެ މަންމަ ސުޒާން ޚާނަކީ ވެސް ސަބާއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ މީހެކެވެ.

ކުރީގެ މަޝްހޫރު އެކްޓަރު ސަންޖޭ ޚާންގެ ދަރިފުޅު ސުޒާން މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އަރްސަލާން ގޯނީ ކިޔާ މާ މަޝްހޫރު ނޫން އެކްޓަރަކާ އެވެ. ރިތިކާއި ސުޒާން 2000 ވަނަ ވަނަ އަހަރު ކުރި ކައިވެނި ރޫޅައިލީ 2014 ގަ އެވެ. އެ ދެ މީހުންނަށް ލިބިފައިވާ ދަރިންނަކީ ރިހާން ރޯޝަން، 16، އާއި ރިދާން ރޯޝަން، 14، އެވެ.

ސެޕްޓެމްބަރު ރިލީޒްކުރި "ވިކްރަމް ވޭދާ" އިން ފެނިގެން ދިޔަ ރިތިކް މިހާރު އަންނަނީ ސިދާތު އާނަންދުގެ "ފައިޓާ" ޝޫޓްކުރަމުންނެވެ. އޭގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި އަނިލް ކަޕޫރް ވެސް ހިމެނެ އެވެ.