ރިޔާސީ އިންތިހާބު ބާއްވާނެ ތާރީހެއް އަންނަ އާދީއްތަ ދުވަހު އިއުލާން ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އޮންނާނީ ސެޕްޓެމްބަރު މަހުގެ 2 ނުވަތަ 9 ގައި ކަމަށެވެ.
ފުއާދު ވިދާޅުވީ އިންތިހާބު ބޭއްވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އެގޮތުން އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންތިހާބާ ގުޅޭ ތަމްރީނު ދިނުމަށްޓަކައި ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ އިންތިހާބުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންދެވޭނީ އެކަމަށް ހާއްސަ އިމާރާތް ހަމަޖެހުމުން ކަމަށެވެ. އިންތިހާބުގެ މަސައްކަތްތަކަށް ހަމަޖައްސާފައިވާ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތް އާދީއްތަ ދުވަހު އެ ކޮމިޝަނަށް ލިބޭނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބަކީ މިހާތަނަށް އެންމެ ގިނަ ބަޔަކަށް ވޯޓް ލުމުގެ ހައްގު ލިބޭނެ އިންތިހާބެވެ. 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި 260،000އަށް ވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބުނަސް، މިފަހަރުގެ އިންތިހާބުގައި އެ އަދަދު 280،000އަށް ވުރެ އިތުރުވާނެކަމަށް އެ ކޮމިޝަނުން ލަފާކުރެ އެވެ. މި އަދަދަކީ ކުރީގެ އިންތިހާބަށްވުރެ 10 ޕަސެންޓް އިތުރު އަދަދެކެވެ.
ފުއާދު ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި، 18 އަހަރު ފުރިގެން އަލަށް ވޯޓު ލެވޭ މީހުންގެ އަދަދު 20،000އަށް އަރާނެކަމަށް ލަފާކުރެވޭކަމަށެވެ.
ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.