ބޮލީވުޑްގެ މަޝްހޫރު ތަރި އަރްޖުން ކަޕޫރުގެ އެންމެ ބޮޑު ސަޕޯޓަރަކީ މަޝްހޫރު ތަރި މަލާއިކާ އަރޯރާ ކަމަށް އޭނާ ބުނެފި އެވެ.

އަރްޖުން އޭނާގެ ފިލްމު 'ކުއްތޭ' ޕްރޮމޯޓު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މަލާއިކާ ވަނީ އޭނާގެ އިންސްޓަގްރާމުގައި އަރްޖުން އަށް ފިލްމާއި ގުޅިގެން ތައުރީފު ކޮށްފަ އެވެ. އެގޮތުން ފިލްމުގައި އަރްޖުންގެ އެކްޓުކުރުމުގެ ހުނަރު ވަރަށް ފުރިހަމަކަމަށް އޭނާ ބުނެފައިވެ އެވެ.

މިކަމާއި ގުޅިގެން އަރްޖުން ދިން ރައްދުގައި އޭނާ ބުނީ، މަލާއިކާ އަކީ އޭނާގެ އެންމެ ބޮޑު ސަޕޯޓަރު ކަމަށެވެ.

އަރުޖުން އާއި މަލައިކާ، ލޯބީގެ ގޮތުން ގުޅުނީ 2018 ގަ އެވެ.

ދެ މީހުން ރައްޓެހިވެގެން އުޅޭތާ މިހާރު ހަތަރު އަހަރެއްހައި ދުވަސްވެފައިވާ އިރު، މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ދެތަރިންގެ ކައިވެނީގެ ވާހަކަތަކެއް މީޑިއާތަކުގައި ދެކެވިފައިވެ އެވެ.

މަލައިކާ އަކީ ސަލްމާންގެ ޚާންގެ ކޮއްކޮ އަރުބާޒް ޚާންގެ ކުރީގެ އަންހެނުންނެވެ. އެ ދެ މީހުންގެ ކައިވެނި ރޫޅާލިއިރު ދަރިޔަކު ވެސް ލިބިފައިވެ އެވެ. އެއީ މިހާރު 19 އަހަރުގެ އަރުހާން ޚާނެވެ.

އަރުޖުން އަކީ އެކްޓަރު އަނިލް ކަޕޫރްގެ ބޭބެ ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ ހަތަރު ދަރިންގެ ތެރެއިން ހަމައެކަނި ފިރިހެން ދަރިފުޅެވެ.