އެމްޑީޕީން ދެން ދާނީ މަގުމައްޗަށްތޯ ނުވަތަ ތަރައްގީގެ މަގުގައިތޯ ނިންމާނީ މި މަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ކެމްޕޭން އޮފީހުގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ ކުރިއަށް އޮތް ޕްރައިމަރީއަކީ ހަމައެކަނި ޕާޓީގެ ތެރެއިން، ރިޔާސީ ކެންޑިޑޭޓެއް ހޮވާ އިންތިޚާބެއް ކަމަށް އާންމުންނަށް ގަބޫލުކުރެވިފައި އޮވެދާނެ ކަމަށާއި ނަމަވެސް އެއީ އެއަށްވުރެ މާ ބޮޑު އިންތިހާބެއް ކަމަށެވެ.
އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ހަމައެކަނި ފޯމިއުލާ އަކީ އެމަނިކުފާނު ޕްރައިމަރީ ކާމިޔާބު ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވިސްނުންފުޅަކީ ޕްރައިމަރީން ހޮވިވަޑައިގެންފިނަމަ މިހާރު އޮތް ސަރުކާރުގެ ކޯލިޝަން އޮތް ގޮތަށް ރިޔާސީ އިންތިހާބަށް ނުކުތުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު މިއަދު ވެސް ވިދާޅުވީ އެމްޑީޕީ އެކަނި ނުކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.
"ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެން އަންނަނީ އެމްޑީޕީ އާއި އެމްޑީޕީގެ އިތުރުން ކޮންމެވެސް އެހެން ބައެއްގެ ތާއީދާ އެހީތެރިކަން ލިބިގެން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުނީ ކޯލިޝަން ހަދާނެ ބަޔަކު ނެތުމުން ކަމަށެވެ. ރައީސް ވިދާޅުވިގޮތުގައި ގިނިކަންޏާ ނުކުމެ އެންމެ ގިނައިން ވެސް ހޯދޭނީ 48 ޕަސެންޓެވެ.
"އަޅުގަނޑުމެން އަނެއްކާވެސް ނިންމަން މި ޖެހެނީ މި އިންތިހާބަށްފަހު ބަލިވެ، އެނބުރި މަގުމައްޗަށް ދާނީތޯ ނޫނީ އަޅުގަނޑުމެން ފަށައިގެން ކުރިއަށް މިގެންދާ ތަރައްގީގެ މަޝްރޫއުތަކާ އެކީގައި ކުރިއަށްދާނީތޯ."