އަންނަ މަހުގެ ކުރީކޮޅު ވިލިމާލޭގައި ބަގީގެ ހިދުމަތްދޭން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ސިޓީ ކައުންސިލުން ބުނީ ވިލިމާލޭގައި އިލެކްޓްރިކް ބަގީގެ ހިދުމަތް ދިނުމަށް ބޭނުންކުރާނީ ޖުމުލަ 10 ބަގީ ކަމަށެވެ. އެއީ ހަތަރު ސީޓުގެ ތިން ބަގީ އާއި ހަ ސީޓުގެ ތިން ބަގީ އާއި 12 ސީޓުގެ އެއް ބަގީގެ އިތުރުން މުދާ އުފުލުމަށް ޚާއްސަ ދެ ބަގީ އާއި ބަލި މީހުންނަށް ޚާއްސަ އެއް ބަގީއެވެ.

ސިޓީ ކައުންސިލުން ނިންމާފައި ވަނީ ވިލިމާލޭގައި 24 ގަޑިއިރު ބަގީގެ ހިދުމަތް ދިނުމަށެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފެރީން މުދާ އުފުލާނެ އުޅަނދެއް ނެތުމާއި ބަލި މީހުން ގޮތެއް ނެތް ކަމުގެ ޝަކުވާ ވިލިމާލޭ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ކަމަށެވެ. މި ހިދުމަތާއެކު އެކަމަށް ހައްލު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހިދުމަތަކީ ރައްޔިތުން ބަލައިގަންނަ ކާމިޔާބު ހިދުމަތަކަށް ވާނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން ސިޓީ ކައުންސިލުން ނިންމީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.