މޮސްކޯ (23 ޑިސެމްބަރު)- ރަޝިޔާގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އުމުރަށް ރައްކާތެރިކަން ލިބޭނެ ގާނޫނެއް ރަޝިޔާގެ ރައީސް ވްލަޑިމީރު ޕުޓިން ހޯމަ ދުވަހު ތަސްދީގުކުރައްވައިފި އެވެ.
މި ގާނޫނުގައި ވާގޮތުން ރަޝިޔާގައި ރައީސްކަން ކުރައްވާފައިވާ ފަރާތްތަކާއި އަދި އެ މީހުންގެ އާއިލާއަށް އުމުރަށްކުރާ ކުށްތަކަށް ދައުވާއެއް ނުކުރެވޭނެ އެވެ. އަދި މީގެ އިތުރުން ފުލުހުންނާއި ތަހުގީގުކުރާ އިދާރާތަކުން ސުވާލުކުރުމާއި، ހައްޔަރުކުރުމާއި، ބަލައި ފާސްކުރުން ވެސް މަނާކުރެ އެވެ. މީގެ އިތުރުން ރަޝިޔާގެ ފެޑެރޭޝަން ކައުންސިލް ނުވަތަ ގާނޫނު ހަދާ މަޖިލީހުގެ މަތި ގޭގޭ ދާއިމީ މެމްބަރުކަން ވެސް ލިބޭނެ އެވެ.
މި ގާނޫނަކީ ރަޝިޔާގެ ގާނޫނު އަސާސީއަށް މިއަހަރު ގެނައި އިސްލާހުތަކުގެ ތެރެއިން ބައެއް ކަމަށް ކަމަށްވެ އެވެ. މި އިސްލާހުތަކުގެ ތެރޭގައި ރަޝިޔާގެ މިހާރުގެ ރައީސް ޕުޓިންއަށް 2036 ވަނަ އަހަރާ ހަމަޔަށް ރައީސްކަމުގައި ހުރުމަށް ވެސް ފާސްކުރެވުނެވެ.
ކުރީގެ ބިލުގައި ވާގޮތުން ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ރައްކާތެރިކަން ދީފައިވަނީ ހަމަ އެކަނި ރައީސްކަމުގެ ދައުރުގައި ކުރާ ކުށްތަކަށް އެކަންޏެވެ. ނަމަވެސް ގައުމަށް ގައްދާރުވުން ފަދަ ބޮޑު ކުށެއް އެގައުމުގެ ސުޕްރީމް ކޯޓަކުން ސާބިތުވެއްޖެނަމަ ރައީސަކަށް ލިބިދޭ ރައްކާތެރިކަން އުނިކުރެވެ އެވެ. ނަމަވެސް އަލަށް ފާސްކުރެވުނު ގާނޫނުން ހުރިހާ ކަމަކުން ރައްކާތެރިކަން ލިބެ އެވެ.
މީގެ އިތުރުން ހޯމަ ދުވަހު ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ އިން ވަނީ ރަޝިޔާގެ ޖުޑީޝަރީ، ގާނޫނު ތަންފީޒުކުރާ އިދާރާތްތަކާއި، ފުލުހުންނާއި ސިފައިންގެ ވަޒީފާތަކުގައި ތިބޭ މުވައްޒަފުންގެ މައުލޫމާތުތަކަކީ ސިއްރު މައުލޫމާތުކަމަށް ކަނޑައަޅައި ބިލެއް ފާސްކޮށްފަ އެވެ. މި ބިލް ގާނޫނަކަށް ވާނީ ރައީސް ޕުޓިން މި ބިލް ތަސްދީގުކޮށް ސޮއި ކުރެއްވުމުންނެވެ. – އަރަބް ނިއުސް