ލަންޑަން (23 ޑިސެމްބަރު) - ކޮވިޑް ވައިރަސްގެ މުޅިން އައު ވޭރިއެންޓެއް އަނެއްކާ ވެސް އިނގިރޭސިވިލާތުން ފެނިއްޖެ އެވެ.

އިނގިރޭސި ވިލާތުގެ ހެލްތް ސެކްރެޓަރީ މެޓް ހެންކޮކް ބުދަދުވަހު ވިދާޅުވީ ސައުތު އެފްރިކާއިން ދަތުރުކުރި މީހެއްގެ ކޮންޓެކްޓެއްގެ ގައިން ކޮވިޑް ވައިރަސްގެ މުޅިން އައު ވޭރިއެންޓެއް ފެނިފައިވާ ކަމަށެވެ.

ހެންކޮކް ވިދާޅުވީ މި ވޭރިއަންޓް ފެނިފައިވަނީ ސައުތު އެފްރިކާ މީގެ ދުވަސްކޮޅެއް ކުރިން ދަތުރުކުރި މީހެއްގެ ކޮންޓެކްޓެއްގެ ގައިން ކަމަށާއި އެމީހާއާ ކޮންޓެކްޓްވި އެންމެން މިހާރު ކަރަންޓީން ކުރެވިފައިވާ ކަމަށެވެ. އަދި ދެ ހަފްތާ ކުރިން ސައުތު އެފްރިކާއަށް ދަތުރުކުރި އެންމެން ވެސް ކަރަންޓީން ވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި އިނގިރޭސިވިލާތުން ވަނީ ކޮވިޑް ވައިރަސްގެ އައު ސްޓްރެއިން އެއް ފެނިފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ. އަދި އެ ސްޓެރެއިން ކުރީގެ ސްޓެރެއިންތަކާ ހިލާފަށް ފެތުރޭ މިންވަރު 70 ޕަސެންޓް އަވަހެވެ.

ހެންކޮކް ވިދާޅުވީ މިއަދު އަލަށް ފެނުނު ވޭރިއެންޓް މާބޮޑަށް މިއުޓޭޓޭ ވެފައިވާ ކަމަށާއި އަދި ފެތުރޭ މިންވަރު މާއަވަސް ކަމަށް ދެނެގަނެވިފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ސައުތު އެފްރިކާއިން އިނގިރޭސިވިލާތަށް ދަތުރުކުރުން ވަނީ މަނާކުރެވިފަ އެވެ.

އިނގިރޭސި ވިލާތުން ވަނީ 39،237 އައު ކޮވިޑް ކޭސް ރިޕޯޓްކޮށްފަ އެވެ. އަދި މި ރޯގާގައި ފާއިތުވި 28 ދުވަސް ތެރޭގައި 744 މީހުން މަރުވެފައިވެ އެވެ. މިއާއެކު އިނގިރޭސި ވިލާތުން މަރުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 69،051 އަރާފަ އެވެ. – ސީއެންއޭ