މާލޭގެ މަގުތަކުގައި މަސައްކަތްކުރުމާއި ގުޅޭގޮތުން ސިޓީ ކައުންސިލުން އަލަށް އެކުލަވާލާފައިވާ އުސޫލާ ގުޅިގެން މާލެ ސިޓީ ކައުންސިލާއެކު މަޝްވަރާ ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ސްޓެލްކޯ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯ އެމްޑީ ޝަރީފު މިހެން ވިދާޅުވީ މާލޭގެ މަގު ކޮނުމާއި މަގުމަތީގައި ކުރާ މަސައްކަތްތަކަށް އަގު ނެގުމުގެ އުސޫލަށް މާލެ ސިޓީ ކައުންސިލުން ބަދަލު ގެނައުމުން ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތްތަކުގެ އަގު ބޮޑުވެފައިވާ ކަމަށް ބުނެ ސަރުކާރުން ހިއްސާވާ ކުންފުނިތަކާއެކު ބޭއްވި ބައްދަލުކުރެއްވުމެއްގައި އެވެ.
ސްޓެލްކޯގެ ކޮންފަރެންސް ހޯލުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫ، މީޑިއާނެޓް، އާރްއޯއެލް އަދި ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބައިވެރިވި އެވެ.
މިބައްދަލުވުމުގައި މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވީ އެ އުސޫލު އެކުލަވާލި އިރު ހިދުމަތްދޭ ފަރާތްތަކާއި އަދި އެލްޖީއޭއާއެކު ވެސް މަޝްވަރާކުރުމަކީ މުހިންމު ކަމެއް ކަމަށާއި ނަމަވެސް އެފަދަ މަޝްވަރާތަކެއް ވެސް ކޮށްފައިނުވާ ކަމަށެވެ.
އޭގެ އިތުރުން އާ އުސޫލުގެ ދަށުން ނަގަން ނިންމާފައިވާ އަގުތަކަކީ އާދަޔާ ހިލާފަށް ބޮޑު އަގުތަކެއް ކަން ވެސް ފާހަގަކޮށްފައި ވެއެވެ. އަދި ބައެއް ކަމަކީ ކުރިން އެއްގޮތަކަށް ވެސް އަގެއް ނަގަމުން ދިޔަ ކަމެއް ނޫން ކަން ޝަރިފް ފާހަގަކުރެއްވި އެވެ.
ޝަރީފް އިތުރަށް ސިޓީތަކަށް ޖަވާބު ދިނުމުގައި ފަސް ޖެހޭ ކަމަށާއި އަދި ގިނަ ފަހަރު ޖަވާބު ދެނީ ވެސް އަނގަބަހުން ކަމަށެވެ. އަދި މިހާރު ދިމާވެގެން އުޅޭ މައްސަލަ ހައްލުވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ބައިވެރިވި އެހެން ކުންފުނިތަކުން ވެސް މި މައްސަލައިގައި ކަންބޮޑުވުން ފާޅު ކޮށްފައިވެ އެވެ.
މިއަހަރުގެ ފުރަތަމަ ދުވަހު އަމަލުކުރަން ފެށި މި ގަވާއިދު ބާތިލުކޮށްދިނުމަށް އެދި ސްޓެލްކޯއިން މިހާރު ވަނީ މައްސަލަ ކޯޓަށް ވެސް ވައްދާފަ އެވެ.