ފުޓުރާޖަޔާ (24 ޑިސެމްބަރު) - ކޮވިޑް ވައިރަސްގެ އައު ވައްތަރެއް މެލޭޝިޔާއިން ވެސް ފެނިފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.

މެލޭޝިޔާގެ ހެލްތް މިނިސްޓްރީގެ ޑައިރެކްޓާ ޖެނެރަލް ޑރ. ނޫރު ހިޝާ އަބްދުﷲ ވިދާޅުވީ އެ ގައުމުން ނެގި ސާމްޕަލްތަކަކުން ކޮވިޑް ވައިރަސްގެ އައު ވައްތަރެއް ފެނިފައިވާ ކަމަށާއި މި ވައްތަރަކީ ސައުތު އެފްރިކާ، އޮސްޓްރޭލިޔާ އަދި ނެދަލޭންޑުން ވެސް ފެނިފައިވާ ވައްތަރުތަކާއި އެއްގޮތް ކަންތައްތަކެއް ހުރި ވައްތަރެއް ކަމަށެވެ.

ޑޮކްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ކޮވިޑް ވައިރަސް އަބަދުވެސް މިއުޓޭޓް ވަމުންދާ ކަމަށާއި، އެހެންކަމުން އަބަދުވެސް އެކަމަށް ސަމާލުވެ ބަލަމުން ދާކަމަށެވެ.

އަލަށް ފެނުނު ކޮވިޑް ވައިރަސްގެ އައު ވައްތަރު ކުރީގެ ވައްތަރުތަކާއި ހިލާފަށް އަވަހަށް ފެތުރޭ ކަމެއް ނުވަތަ މިވައްތަރު ނުރައްކާ ކަމެއް އަދި ލިބުނު ޑޭޓާތަކުން ނޭނގޭ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އެހެން ކަމުން ބޭރުން އެގައުމަށް އަންނަ މީހުންގެ ކަރަންޓީން މުއްދަތު އިތުރުކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

މެލޭޝިޔާއިން ވެސް ވަނީ ކަރަންޓީން މުއްދަތު 14 ދުވަހުން 10 ދުވަހަށް ކުޑަކޮށްފަ އެވެ. – ސްޓްރާ ޓައިމްސް