ޕްޔޮންގްޔޭންގް (09 ފެބްރުއަރީ) އާ ނިއުކްލިއާ ހަތިޔާރުތަކާ އެކު އުތުރު ކޮރެއާއިން އަސްކަރީ ހިނގާލުމެއް ބާއްވައިފި އެވެ.

ރޭގެ ވަގުތެއްގައި ވެރިރަށް ޕްޔޮންގްޔޭންގްގެ މަގުތަކުގައި ބޭއްވި މި ހިނގާލުމުގައި ދައްކާލި ހަތިޔާރުތަކުގެ ތެރޭގައި އެންމެ ފަހުގެ އިންޓަ ކޮންޓިނެންޓަލް ބެލިސްޓިކް މިސައިލްތަކާއި އެހެނިހެން ނިއުކްލިއާ ހަތިޔާރުތައް ވެސް ހިމެނެ އެވެ.

އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ހާމަކުރާ ގޮތުގައި ރޭގެ ހިނގާލުން ބާއްވާފައިވަނީ އެ ގައުމުގެ އަސްކަރިއްޔާގެ 75 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުންނެވެ.

މި ހިނގާލުމުގައި އެ ގައުމުގެ ހަރުކަށި ލީޑަރު ކިމް ޔޮންގް އުންގް ބައިވެރިވެ ވަޑައިގެންނެވި އިރު އަރިހުގައި ދަރިކަނބަލުން ވެސް ހުންނެވި އެވެ.

މި ހިނގާލުމުގެ ހަގީގީ މަގުސަދަކީ އުތުރު ކޮރެއާގެ ނިއުކްލިއާ ގާބިލުކަން މުޅި ދުނިޔެއަށް ދައްކާލުން ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

އުތުރު ކޮރެއާއަކީ މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ ވަރުގަދަ އެއް ނިއުކްލިއާ ޕްރޮގްރާމް ހިންގާ އެއް ގައުމެވެ. އެ ގައުމުން ނިއުކްލިއާ މިސައިލްތަކުގެ ޓެސްޓުތައް ދުވަސް ދުވަސްކޮޅުން ކުރާއިރު ދެން އެންމެ އަވަހަށް މިސައިލް ޓެސްޓް ކުރާނެ ދުވަހެއް އަދި ނޭނގެ އެވެ. -- އަލް އަރަބިއްޔާ