މިހާރު ރިލީސްކޮށްފައިވާ ފިލްމު "ކޫލީ ނަންބަރު 1" އަކީ ސާރާ އަލީ ހާން އާއި ވަރުން ދަވަން އެކުގައި ފެނިގެންދިޔަ އެންމެ ފުރަތަމަ ފިލްމަށެވެ.

ދާދިފަހުން ކަޕިލް ޝަރްމާ ޝޯގައި މި ފިލްމުގެ ޕްރޮމޯޝަންތަކުގެ ތެރެއިން ކަޕިލް ވަނީ އެ ދެތަރިން އެންމެ ފުރަތަމަ ބައްދަލުވީ ކިހިނެތްތޯ ސުވާލުކޮށްފަ އެވެ. ވަރުން ދިން ޖަވާބުން އެންމެންގެ ހިނިފަޅައިގެން ދިޔަ އެވެ.

"އެއީ މަޖާ ވާހަކައެއް، އަހަރެންގެ އެންމެ ފުރަތަމަ ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔާ" ނެރުނު އިރު އަހަރެން ދާނީ ހޮޓެލްގައި ހުންނަ ޖިމަށް. އެތަނުން އަހަންނަށް ފެނުނީ އައިނެއް އަޅައިގެން ހުރި އަންހެން ކުއްޖެއް ފޯނު ހިފައިގެން ދެކޮޅަށް ދުވާތަން. އޭގެ އިރުކޮޅެއް ފަހުން އަހަރެން ލިފްޓަށް އެރުމުން މި އަންހެން ކުއްޖާ ވެސް ފަހަތުން އައިސް އަރައިފި. އޭނާ ހުރީ ފޯނެއްގައި. މާފަހުން އެނގުނީ އޭނާ ހުރީ އަހަންނާ ދިމާލަށް ބަލަހައްޓައިގެންކަން. އަހަރެން ހިތަށް އެރި އޭނާ ފޯނުން އެ ވާހަކަ ދައްކަނީ ކާކާތޯ ވެސް. އެއީ ލިފްޓަށް ނެޓްވޯކް ނުލިބޭނެ އެއްނު؟ އަހަރެން ލިފްޓުން ނުކުމެގެން އައި އިރުވެސް އެ ކުއްޖާ އަހަރެންގެ ފަހަތުން އައި،" ވަރުން ކިޔާދިނެ އެވެ.

މި ވާހަކަ ކިޔާދިނުމަށް ފަހު ވަރުން ބުނީ އެ ކުއްޖާ އަކީ އެފަދަ ދެވަނައެއް ނެތް ސާރާ އަލީ ހާން ކަމަށެވެ.

ސާރާ ލަދުގަންނަވާލުމުގެ ގޮތުން ކަޕިލް ވަނީ އެދުވަހު ލިފްޓު ތެރޭގައި ސާރާ ފޯނުކޮށްގެން ހުރީ ކާކާތޯ ސުވާލުކޮށްފަ އެވެ.

"އަހަރެން އެއްވެސް މީހަކަށް ނުގުޅަން. މީހަކާ ދިމާލަށް ބަލަހައްޓައިގެން ހުންނައިރު އޮޅުވާލަން ވެގެން ކޮންމެ ވެސް ކަމެއް ކުރަން ޖެހޭނެ އެއްނު،" ސާރާ ބުންޏެވެ.

މި ކަންތައް ހިނގާދިޔަ އިރު ސާރާގެ އުމުރުން 15 އަހަރެވެ. އަދި ވަރުންއަށް 23 އަހަރެވެ.