ޕެރިސް (26 ޑިސެމްބަރު) - އިނގިރޭސިވިލާތުން ފެނުނު ކޮވިޑް ވައިރަސްގެ އައު ވައްތަރު ފްރާންސުން ވެސް ފެނިފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.

ފްރާންސްގެ ސިއްހީ ފަރާތްތަކުން ބުނި ގޮތުގައި އިނގިރޭސިވިލާތުގައި ދިރިއުޅޭ މީހަކު އެގައުމަށް ޑިސެމްބަރު 19 ގައި އެތެރެވުމަށް ފަހު ހުރީ ކަރަންޓީންވެގެން ގޭގަ އެވެ. އޭނާގެ ފަރާތުން އެއްވެސް އިތުރު އަލާމާތްތަކެއް ފެނިފައި ނުވާ ކަމަށާއި، އަދި ޓެސްޓްކުރުމުން ޕޮޒިޓިވް ވެފައިވަނީ ހުކުރު ދުވަހު އެވެ. އަދި އެ މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

އިނގިރޭސިވިލާތުން ފެނުނު ކޮވިޑް ވައިރަސްގެ އައު ސްޓްރެއިން އަކީ ކުރީގެ ވައްތަރުތަކާ ހިލާފަށް އަވަހަށް ފެތުރޭ ވައްތަރެއް ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ. މިކަމާ ގުޅިގެން ގައުމުތަކުން ވަނީ އިނގިރޭސިވިލާތުން ކުރާ ވައިގެ ދަތުރުތަކާއި އެއްގަމު ދަތުރުތަށް ހުއްޓާލާފަ އެވެ. ނަމަވެސް ޔޫރަޕްގެ ބައެއް ގައުމުތަކުން ވައިރަސްގެ އައު ސްޓްރެއިން ފެނިގެންވަނީ ރިޕޯޓްކޮށްފަ އެވެ.

އިނގިރޭސިވިލާތާއި ފްރާންސްގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން އެތައް ހާސް ލޮރީ ވަނީ ބޯޑަރުގައި ތާށިވެފަ އެވެ. އަދި މިކަމާ ގުޅިގެން ޗުއްޓީއަށް ގެއަށް ދާންބޭނުން ވެފައި ތިބި އެތަކެއް ލޮރީ ޑްރައިވަރުންނަށް ނުދެވި ހަމަނުޖެހުންތަކެއް ވެސް ވަނީ ހިނގާފަ އެވެ. އިނގިރޭސިވިލާތުގެ އެދުމުގެ މަތިން ފްރާންސުން ވަނީ ބޯޑަރު އަލުން ހުޅުވާފަ އެވެ. ނަމަވެސް މިހާރު އެތެރެވުމަށް ހުއްދަދެނީ ޓެސްޓްކޮށް ނެގެޓިވާ މީހުން އެކަންޏެވެ.

ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން މަރުވި ގައުމުތަކުގެ ލިސްޓްގައި ފްރާންސް ހިމެނެ އެވެ. އެގައުމުން 62،573 މީހުން މަރުވެފައިވެ އެވެ. – އަރަބް ނިއުސް