މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ "ލޫޕް" ކޮންސަޓް ޓުއާ ގިނަ ބަޔަކު ބޮއިކޮޓް ކުރަމުން ދަނިކޮށް އެމެރިކާގެ ފިލަޑެލްފިއާގައި ބޭއްވި ސޯލޯ ކޮންސެޓުގައި އެންމެ ފަހުން ކުށަށް އިއުތިރާފްވެ މައާފަށް އެދެފި އެވެ.

މި ކޮންސަޓްގެ މުޅި ސަމާލުކަން އަމާޒު ވެގެންދިޔައީ، ސްޓޭޖު މަތީގައި އޭނާއަށް ހެދުނު ކުށްތަކަށް އިއުތިރާފުވެ އާންމުންގެ ކިބައިން ފުރިހަމައަށް މާފަށް އެދުނު މުހިންމު ދަނޑިވަޅަށެވެ.

ފިލަޑެލްފިއާގެ ލިންކަން ފައިނޭންޝިއަލް ފީލްޑް ސްޓޭޑިއަމްގައި ބޭއްވި މި ކޮންސެޓް ފަށަމުން ރޮވިފައި ހުރި އެޑް ޝީރަން ވަނީ އޭނާއަށް ހެދުނު ކުށްތަކަށް ސީދާ އިއުތިރާފުވެފަ އެވެ.

އޭނާ ބުނީ ކަންކަން މެނޭޖު ކުރުމުގައި އޭނާއަށް ނުބައި ނިންމުންތަކެއް ނިންމުނު ކަމަށާއި، އެކަމުގެ ސަބަބުން ގިނަ ބަޔަކަށް އަސަރު ކުރިކަން ގަބޫލުކުރާ ކަމަށެވެ.

އޭނާގެ ވާހަކައިގައި، ސިޔާސީ މައްސަލަތަކުގެ ތެރެއަށް ވަންނަން ބޭނުންނުވި ނަމަވެސް، ކަންކަން ނިންމުމުގައި ހެދުނު ގޯސްތަކަށް ފުރިހަމައަށް މަސްއޫލިއްޔަތު ނަގާ ކަމަށް ބުންޏެވެ.

އެޑް ޝީރަން ފާހަގަކުރި ގޮތުގައި، އޭނާއަކީ ސިޔާސީ ކަންކަމުގައި އިސްކޮށް އުޅޭ އާޓިސްޓެއްގެ ގޮތުގައި ހުންނަން ބޭނުންނުވި ނަމަވެސް، ޣައްޒާގައި ހިނގަމުންދާ އިންސާނީ ކާރިސާއާ މެދު އެއްޗެއް ނުބުނެ ނުހުރެވޭނެ އެވެ.

7 އޮކްޓޫބަރު 2023 ގައި ހަމާސްއިން ދިން ހަމަލާއަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނަމުން، މިހާރު ޣައްޒާގެ އާންމުން އުފުލަމުންދާ ނުހަނު ބޮޑެތި ތަކުލީފުތަކަކީ އިންސާނިއްޔަތާ ޚިލާފު، ބޮޑު ކާރިސާއެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.