ރަސްމާލެ ވިއްކާލި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން، ވިއްކުމަށްޓަކައި ހުޅުމާލޭގައި 5,000 ފްލެޓް އަޅާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

"މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، މިއީ ސަރުކާރުން އެ ކުންފުންޏަށް ސޮވަރިން ގެރެންޓީއެއް ދިނުން ފަދަ އެއްވެސް ކަމެއް ނުކޮށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ. އަދި އެ ތަންތަނަށް ފައިސާ ދައްކާނީ ފްލެޓްތައް ހަވާލުކުރުމުން އެ ތަންތަން ވިއްކައިގެން ލިބޭ ފައިސާއިން ކަމަށް ވިދާޅުވި އެވެ.

އަބޫދާބީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުއްތަލިބެވެ. އީގަލް ހިލްސްގެ ފަރާތުން ސޮއިކުރެއްވީ ދުބާއީގެ މަޝްހޫރު ބުރުޖު ޚަލީފާ އާއި ދުބާއީ މޯލް ތަރައްގީކުރި އެމާރު ޕްރޮޕަޓީސްގެ ވެސް ބާނީ، މުޙައްމަދު އަލްއައްބާރެވެ.

އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ މި ބޮޑު މަޝްރޫއުގެ ދަށުން ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތަކުގެ އިތުރުން، ބްރޭންޑެޑް ރެސިޑެންސްތަކާއި، ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި، ވޯޓާފްރަންޓް ޕްރޮމެނާޑްތަކާއި، ރެސްޓޯރަންޓްތަކާއި، ފިހާރަތަކުގެ އިތުރުން ލެޝާ އަދި ވެލްނެސް ސެންޓަރުތައް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އީގަލް ހިލްސްއިން ބުނި ގޮތުގައި، އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މުޅި އިންވެސްޓްމަންޓް 20 ބިލިއަން ޑޮލަރަށް އަރާނެ އެވެ.

މި މަޝްރޫއުގެ ދަށުން ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ބެލެވޭއިރު، އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނެ އެވެ. އަދި 54،000 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށް ބެލެވޭ ކަމަށް އީގަލް ހިލްސްއިން ވަނީ ބުނެފަ އެވެ. ހަމައެއާއެކު މަޝްރޫއު އެއްކޮށް ނިމުމުން އަހަރަކު އެކި ގައުމުތަކުން އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ގެނެވި، އަހަރަކު ދެ ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީގެ ގޮތުގައި ވަންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.