މެނީލާ (26 ޑިސެމްބަރު) - އިނގިރޭސިވިލާތުން ޕިލިޕީންސަށް ކުރާ ވައިގެ ދަތުރު ހުއްޓާލުމުގެ މުއްދަތު އިތުރު ދެ ހަފްތާއަށް އިތުރު ކުރުމަށް ޕިލިޕީންސުން ނިންމައިފި އެވެ.

ސަރުކާރުގެ ސްޕޯކްސް ޕާސަން ވިދާޅުވި ގޮތުގައި ރައީސް ރޮޑްރިގޯ ޑުޓާޓެ ވަނީ އިނގިރޭސިވިލާތުން އަންނަ ފްލައިޓްތައް ހުއްޓާލުމަށް ކަނޑައަޅާފައިވާ މުއްދަތު ދެ ހަފްތާއަށް އިތުރުކޮށްފަ އެވެ. އެގޮތުން އަންނަ އަހަރު ޖެނުއަރީ މަހުގެ މެދަކާ ހަމަޔަށް ފްލައިޓްތައް އައުން ހުއްޓާލާފައި އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްޕޯކްސް ޕާސަން ވިދާޅުވީ އިނގިރޭސިވިލާތުން އައިސްފައިވާ މީހުންނާއި ޓްރާންސިޓްގައި އެ ގައުމުގައި މަޑުކުރި މީހުންނާއި ކޮވިޑް ވައިރަސްގެ އައު ސްޓްރެއިން ފެނިފައިވާ ގައުމުތަށް ކަމަށްވާ ހޮންގްކޮންގް ސިންގަޕޫރު، އޮސްޓްރޭލިޔާ އަދި ޖަޕާނުން އަންނަ ހުރިހާ އެންމެން 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަންޖެހޭނެ ގޮތަށް އަންގާފައިވާ ކަމަށެވެ.

ސްޕޯކްސް ޕާސަން އިތުރަށް ވިދާޅުވި ގޮތުގައި ކޮވިޑް ވައިރަސްއަށް ފައިޒާ އިން އުފައްދާފައިވާ ވެކްސިން އެމަޖެންސީކޮށް ޕިލިޕީންސްގައި ބޭނުންކުރުމުގެ ހުއްދަ ހޯދަން ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގައުމުގެ ފުޑް އެންޑް ޑްރަގް އެޖެންސީން ވެކްސިންއަށް ހުއްދަ ދިނުމަށް 21 ދުވަހުގެ މުހުލަތެއް ނަގާނެ އެވެ.

ޕިލިޕީންސްއަކީ ސައުތު އީސްޓް އޭޝިޔާގައި ދެވަނަ އަށް އެންމެ ގިނަ ކޮވިޑް ކޭސް ރިޕޯޓުކުރި ގައުމެވެ. ޕިލިޕީންސުން ވަނީ 468،000 މީހުން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި މި ރޯގާޖެހިގެން 9،062 މަރުވެފައިވާ ކަމަށް ރިފޯޓްކޮށްފައިވެ އެވެ. – އަރަބް ނިއުސް