ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ފިލްމީ ތަރި ރީކޯ މޫސާ މަނިކު އަލުން އެކްޓިން ދާއިރާއަށް ނުކުތް ފިލްމު 'ކީއްވެ؟' އޮލިމްޕަހުގައި ޕްރިމިއާކުރުމުގެ ހަފުލާ ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ވަގުތުން ދެއްކުން އެންމެ ފަހު ވަގުތު ކެންސަލްކުރުމާ ގުޅިގެން ފިލްމުގެ ޓީމުން ކަންބޮޑުވުމާއި ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
މި ފިލްމު އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމަށްޓަކައި އުފެއްދުންތެރިންނާއި ޕީއެސްއެމާ ދެމެދު އެއްބަސްވުމެއް އެކުލަވާލީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އެ އެއްބަސްވުމުގެ ދަށުން އޮލިމްޕަހުގައި ބޭއްވި ފިލްމުގެ ފުރަތަމަ ޝޯ ނުވަތަ ޕްރިމިއާ އިވެންޓް ވަގުތުން ދުރަށް ދެއްކުމަށް އޮތީ ހަމަޖެހިފަ އެވެ. އެގޮތުން ޕީއެސްއެމްގެ ފަންނީ ޓީމު އޮލިމްޕަހަށް ގޮސް ވަގުތުން ދެއްކުމަށް ބޭނުންވާ ސެޓަޕްތައް ފުރިހަމަކޮށް، އެ މީޑިއާގެ ސޯޝަލް މީޑިއާ މަންސަތަކުގައި ވެސް އެކަން އިއުލާނުކޮށްފައިވެ އެވެ.
ނަމަވެސް، ލައިވް ބްރޯޑްކާސްޓްކުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ފުރިހަމަވެފައި ވަނިކޮށް، ދައުލަތުގެ މީޑިއާއިން މި ހަރަކާތް ކުއްލި ގޮތަކަށް ކެންސަލްކުރީ ކަމަށް ފިލްމުގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. އަދި މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބާ ބައްދަލުކޮށް މަޝްވަރާކުރި ނަމަވެސް އެދެވޭ ނަތީޖާއެއް ނުނިކުތް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވުނު މޫސަގެ އިތުރުން މަޝްހޫރު ބަތަލާ ޝީލާ ނަޖީބު މުހިންމު ދައުރެއް އަދާކުރާ މި ފިލްމުގެ ޕްރިމިއާ ދެއްކުން ހުއްޓުވީ، އެ ރަސްމިއްޔާތަށް ސިޔާސީ ބޭފުޅުން ވަޑައިގަންނަވާތީ ކަމަށް މައުލޫމާތު ލިބެ އެވެ. އަދި ޕީއެސްއެމްގެ އެމްޑީ ޝަކީބާ ހަވާލާދީ ފިލްމު އުފެއްދި ފަރާތުން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.
ފިލްމުގެ ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިއީ އެއްވެސް ގޮތަކަށް ސިޔާސީ މަގުސަދެއްގައި ހިންގި ހަރަކާތެއް ނޫން ކަމަށެވެ. އެގޮތުން ދައުވަތު ފޮނުވާފައިވަނީ ސަރުކާރުގެ އިސް މަގާމުތަކުގައި ކުރިން އުޅުއްވި އަދި މިހާރު ވެސް ތިއްބެވި އެކި ފަންތީގެ ބޭފުޅުންނާއި، ފަންނާނުންގެ އިތުރުން އާންމު ރައްޔިތުންނަށް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"މީހުންނަށް ދައުވަތު ދިނީ ވަކި ސިޔާސީ ވިސްނުމަކަށް ނުވަތަ ޕާޓީ ކުލައަކަށް ބެލުމެއް ނެތި، ދިވެހި ފިލްމީ ދާއިރާ ކުރިއަރުވައި ހިތްވަރު ދިނުމުގެ މަތިވެރި ނިޔަތުގަ އެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.
ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ހިލާފަށް ޕީއެސްއެމުން މިގޮތަށް އަމަލުކުރުމުގެ ސަބަބުން ފިލްމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބުނެ، ފިލްމުގެ ޓީމުން ވަނީ ދައުލަތުގެ މީޑިއާގެ އެ އަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.
ހާޓްއެޓޭކެއް ނޫނީ ސްޓްރޯކެއްގެ އެތައް މަހެއް ކުރިން އެނގޭ: ދިރާސާ
ޖަސްޓިންގެ ހަޔާތުގެ މައްޗަށް ޑޮކިއުމެންޓްރީއެއް ނެރެނީ!
އެމްއޭސީއެލް މުވައްޒަފުންނަށް ބޯނަސް ދޭން އޭޖީއެމްއިން ނިންމައިފި
