އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ ބިންގާ އެޅުން ލަސްވާތީ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އަރަބިއްޔާ ސްކޫލުގެ 8 އަހަރު ވީ އިމާރާތުގެ މައްސަލަ ޖެހުނީ ޗާންދަނީ މަގުގައި ހިންގި އެ ސްކޫލުގެ ދާއިމީ އިމާރާތުގެ ތަނބުތަކުގައި ރެނދުލައި އެ ތަނުގެ ސްޓްރަކްޗާ ވަރަށް ބޮޑަށް ހަލާކުވެ، އެ ތަން ހުސްކުރަން ޖެހުމުންނެވެ. އެހާ ކުރުމުއްދަތެއް ވީ އިމާރާތެއް އަވަހަށް ހަލާކުވުމަކީ ވެސް މައްސަލައެކެވެ.

އެ ސްކޫލްގެ އާ އިމާރާތް އަޅަނީ ކުރީގެ ޖަމާލުއްދީން ސްކޫލް ހިންގި ތަނުގަ އެވެ. އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ނިންމައި، ސްކޫލްގެ ބިންގާ އެޅުމުގެ އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވެ އެވެ.

އެ މަސައްކަތް ކުރަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަމިން ކޮންސްޓްރަކްޝަންއާ ހަވާލުކުރީ 18 މަސް ދުވަހުން ނިންމާ ގޮތަށް 168 މިލިއަން ރުފިޔާ އަށެވެ.

އެހެންނަމަވެސް މި މަޝްރޫއު ހަވާލުކުރިތާ ފަސް މަސް ވީއިރުވެސް އިމާރާތުގެ ބިންގާ ނާޅާތީ އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"18 މަސްދުވަހުން ނިންމަން ބުނި. އެކަމަކު ދެ މަހުން ބާ ޖަމާލުއްދީން ބިން ހުސްކުރަން ވައުދުވެފައި ވެސް 7 މަސް ވީއިރު ވެސް ތަން ސާފު ނުކުރެވުނު. އިންތިޚާބު ކައިރިވީމަ ވޯޓު ހޯދަން ބިންގާ އަޅުއްވަން މަޑުކުރަނީތޯ ސުވާލު އުފެދޭ. މިކަން ސިޔާސީ ނުކުރައްވާ،" އެ ސްކޫލުގެ ބެލެނިވެރިން ހިންގާ "އަރަބިއްޔާ ފެމިލީ"ޓުވިޓާގައި ބުނެފައިވެ އެވެ.