މެމްބަރުންގެ ޝަކުވާތަކާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ފަސްކޮށްފި އެވެ.

މިހާރު ކުރިއަށްދާ އެ ޕާޓީގެ ކޮންގްރެސްގައި ދާއިރާތަކުގެ ވޯޓު ލުން މިރޭ ބާއްވަން ކުރިން ވަނީ ނިންމާފަ އެވެ. ނަމަވެސް އާންމު މެމްބަރުންގެ ޝަކުވާތަކާ ގުޅިގެން ވަނީ ވޯޓުލުން ފަސްކޮށްފަ އެވެ.

މެމްބަރުންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ ވޯޓު ކަރުދާސްކޮޅުގައި ކެންޑިޑޭޓުންގެ ފޮޓޯ ނެތުމެވެ. މިހާރު ކުރިއަށްދާ ޖޭޕީގެ ކޮންގްރެސްއަށް ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ގަރާރެއް ހުށަހަޅާފަ އެވެ. އެ ގަރާރު ހުށަހެޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހްމަދެވެ.

މިއަދު ބޭއްވި ގޮންރެސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ކޮންމެ ޕާޓީއަކުން ވެރިކަމަށް އަންނަންވީމަ އެ ޕާޓީއާއެކު ކޯލިޝަން ހަދަން ބޭނުންވާ ކަމަށެވެ. ނަމަވެސް ވެރިކަން ލިބުނުން ކޯލިޝަން އެއްބަސްވުން ހަނދާން ނެތޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިތާމައަކީ ގިނަ ފަހަރަށް ސަރުކާރު އެކުލާވައިލުމަށް ފަހު، ސަރުކާރުން ހާސިލުކުރާ ރަނގަޅު ކަންކަން ޖުމްހޫރީ ޕާޓީއަށް ނިސްބަތް ކުރުމަށް ބައެއް ފަރާތްތަކުން ޖެހިލުންވާކަން. ސަރުކާރުން ވައުދު ފުއްދަމުން ދާއިރަކު ކޯލިޝަން ޕާޓުނަރުގެ ރޯލެއް އޮންނަ ކަމަކަށް އެ ބޭފުޅުން ނުދެކޭ. އެކަމަކު، ސަރުކާރު އެކުލަވައިލަން ވީމާ ޖޭޕީ ވަރެއް ނޯވޭ." ގާސިމް ވިދާޅުވިއެވެ.

ޖޭޕީގެ ކޮންގްރެސްގެ ނިންމުމުގެ ރަސްމިއްޔާތު އޮތީ މާދަމާ ރެ އެވެ.