ޕްޔޮންގްޔޭންގް (25 ފެބްރުއަރީ) ކޮވިޑް 19ގެ ޕެންޑެމިކްއަށްފަހު އުތުރު ކޮރެއާގައި ބަނޑުހައި ހޫނުކަން އިތުރުވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައިފި އެވެ.

އުތުރު ކޮރެއާއަށް ކާބޯތަކެތީގެ ދަތިކަން މީގެ އެތައް އަހަރެއް ކުރިން ވެސް ވަނީ ކުރިމަތިވެފަ އެވެ. އެހެން ނަމަވެސް ކޮވިޑް 19 އާއެކު މި މައްސަލަ ވަނީ އިތުރަށް ބޮޑުވެފަ އެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ބަނޑުހައި ހޫނުކަމުގެ ސަބަބުން ކޮންމެ އަހަރަކު ވެސް އެގައުމުން އެތައް ހާސް ބަޔަކު މަރުވެ އެވެ. މި އަދަދު އަހަރަކަށްވުރެ އަހަރެއް އިތުރުވަމުން އަންނަ ކަމަށް ވެސް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެ އެވެ.

ކަން މިހެން އޮތް ނަމަވެސް މިކަމަށް އެެދެވިގެންވާ ފިޔަވަޅެއް ސަރުކާރުން އަޅާފައި ނުވާ ކަމަށް ކަމުގެ މާހިރުން ބުނެ އެވެ. އެގޮތުން ދަނޑުވެރިކަމަކީ އެގައުމުގައި އަޅާނުލެވި އޮތް ދާއިރާއެއް ކަމަށް އެފަރާތްތަކުން ބުނެ އެވެ.

އުތުރު ކޮރެއާއަކާ ދުނިޔޭގެ ނިއުކްލިއާ ބާރުތަކުގެ ތެރޭގައި ގުނާލެވޭ ގައުމަކަށްވާއިރު އެގައުމުގެ ރައްޔިތުން ބަނޑަށް ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.

އެގޮތުން ގައުމުގެ އެތެރޭގެ މައްސަލަތައް ހައްލުނުކޮށް ނިއުކްލިއާ ޕްރޮގްރާމް ތަރައްގީ ނުކުރެވޭނެ ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.

" ބަނޑުހައި ހޫނުކަމަށް ހައްލެއް ނުގެނެސް ރައްޔިތުންގެ އެއްބާރުލުމާ ނުލައި ކިމް ޖޮންގް އުންއަކަށް ނިއުކްލިއާ ޕްރޮގްރާމް ތަރައްގީއެއް ނުކުރެވޭނެ" މިކަމާ ގުޅޭ ދިރާސާއެއް ހެއްދެވި ޕްރޮފެސަރަކު ވިދާޅުވި އެވެ. -- އަލް އަރަބިއްޔާ