ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަންނަވައިފި އެވެ.

އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު އޭނާއަށް މަރުޙަބާ ދެންނެވީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ އިސް ވެރިންނެވެ.

ޝާހިދުގެ މިދަތުރުފުޅުގައި މި މަހުގެ ދޭކުން ހަތަރަކަށް ނިއު ދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ އަށް ވަނަ ރައިސީނާ ޑަޔަލޮގުގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. ރައިސީނާ ޑަޔަލޮގަކީ އޮބްޒާވާ ރިސާޗް ފައުންޑޭޝަނާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ކޮންފަރެންސެކެވެ. މިއަހަރުގެ ކޮންފަރެންސްގައި "ހާޓް އޮފް ދަ މެޓަރ: ލައިފް (ލައިފްސްޓައިލް ފޯ އެންވަޔަރަމަންޓް) ފޯ އަވަރ ކޮމަން ފިއުޗަރ" ޕެނަލް ޑިސްކަޝަންގައި ޝާހިދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެއިތުރުން، މިދަތުރުފުޅުގައި އެކި ޤައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންނާ މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.