އިޒްރޭލުގެ ގައުމީ އެއާލައިން އެލް އާލްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް މިހާތަނަށް ހުށަހެޅުމެއް ލިބިފައި ނުވާ ކަމަށާއި އެފަދަ ހުށަހެޅުމެއް ލިބުނު ނަމަވެސް ރާއްޖޭން އެ އެއާލައިނަށް ހުއްދަ ނުދޭނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
އެލް އާލްގެ ބޮއިން 787 މަރުކާގެ ފްލީޓު ބޮޑުކޮށް، ކުރިއަށް އޮތް ތަނުގައި ދަތުރު ފަށަން ވިސްނާ މަންޒިލުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭ ކަމަށް، އެ އެއާލައިނުގެ ސީއީއޯއާ ހަވާލާދީ ރޮއިޓާސް އިން މި ހަފްތާގައި ރިޕޯޓުކޮށްފައިވެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވި ގޮތުގައި، އިޒްރޭލުން ނުވަތަ އެ އެއާލައިންގެ ފަރާތުން ވެސް ރާއްޖެއަށް އެއްވެސް ހުށަހެޅުމެއް ލިބިފައެއް ނުވެ އެވެ.
އިޒްރޭލާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ނޯންނަކަން ފާހަގަކުރައްވައި މިއުވާން ވިދާޅުވީ ދެ ގައުމުގެ ދެމެދު ވައިގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުމެއް ވެސް ނެތް އިރު، އެ އެއާލައިނަށް ރާއްޖެއަށް ދަތުރު ނުކުރެވޭނެ ކަމަށެވެ.
"އެހެންވީމަ އެފަދަ އެއްބަސްވުމަކަށް ނުވަތަ އެފަދަ ދަތުރުތަކެއް ކުރެވޭނެ އިންތިޒާމެއް ހަމައެއް ނުޖެހޭނެ. އަދި ހަމަ އެއާ އެކު، އެއާ ސާވިސް އެގްރިމެންޓެއް ވެސް ނޯންނާނެ. އެހެންވީމަ އެއީ ކުރެވޭނެ ކަމެއް ނޫން،" މިއުވާން ވިދާޅުވި އެވެ.
އެލް އާލް އިން 2011 ވަނަ އަހަރު ވެސް ރާއްޖެއަށް ދަތުރު ފަށަން މަސައްކަތް ކުރި އެވެ. ނަމަވެސް، އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅަށް މުޒާހަރާ ކުރުމުން އެކަން ހުއްޓާލަން މަޖުބޫރުވީ އެވެ.