މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ފަށާ ބަގީގެ ޚިދުމަތް ދޭން ތައްޔާރުވެއްޖެ އެވެ.

ސިޓީ ކައުންސިލުން އިއްޔެ ވަނީ ބަގީގެ ހިދުމަތް ދިނުމަށް ބޭނުންވާ ބަގީތައް ވިލިމާލެއަށް ގެންގޮސްފަ އެވެ. ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެކަމާ އުފާފާޅުކޮށް ސިޓީ ކައުންސިލްގެ ޓީމަށް ފަރިވަޅެއް އަރުވާފައެވެ.

އަންނަ ބުރަސްފަތި ދުވަހު ބަގީގެ ހިދުމަތް ފަށަން ވަނީ ނިންމާފަ އެވެ. މީހުން އުފުލާ ބަގީގެ ޚިދުމަތާއި މުދާ އުފުލާ ބަގީގެ ޚިދުމަތާއި އެމްބިއުލާންސް ބަގީގެ ޚިދުމަތް ވެސް ފޯރުކޮށްދޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް ރަމަޟާން މަހާއި ފިތުރު އީދު ނިމެންދެން ބަގީގެ ހިދުމަތް ދޭނީ ހިލޭ ކަމަށެވެ.

"ބަސްރޫޓުގެ ތެރެއިން ދަތުރުކުރަންޏާ ހިލޭ ދަތުރުކުރެވޭނީ. ޕްރައިވެޓް ހަޔާއަށް ހަމަ ފައިސާ ދައްކައިގެން ދަތުރުކުރަން ޖެހޭނީ،" މޭޔަރު ވިދާޅުވިއެވެ.

ބަގީގެ ހިދުމަތުގެ އަގުތައް

4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ

6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ

12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ

ހަ އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ ބޭފުޅުންނާއި އެންސްޕާގައި ރެޖިސްޓާ ވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ސްކޫލް ޔުނިފޯމްގައި ދަތުރުކުރާ ދަރިވަރުންނަށް ހިލޭ ބަގީގައި ދަތުރުކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.