ނިއު ދިއްލީ (29 ޑިސެމްބަރު) - އިނގިރޭސިވިލާތުން ފެނުނު ކޮވިޑް ވައިރަސްގެ އާ ސްޓެރެއިން އިންޑިއާއިން ވެސް ފެނިފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.

އޮފިޝަލުން ބުނިގޮތުގައި އިނގިރޭސިވިލާތުން އިންޑިއާއަށް ދިޔަ ހަ މީހެއްގެ ގައިން ނެގި ސާމްޕަލްތައް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އެ މީހުންގެ ގައިން ފެނިފައި ވަނީ ވައިރަސްގެ އާ ވައްތަރެވެ. އެ މީހުން މިހާރު ތިބީ އައިސޮލޭޝަންގަ އެވެ. އަދި އެ މީހުންގެ އާއިލާ މީހުންގެ ގައިން މި ވައިރަސް ފެނޭތޯ ޓެސްޓްކުރަމުން އަންނަ ކަމަށް ވެސް ކަމާ ބެހޭ އޮފިޝަލުން ވިދާޅުވި އެވެ.

އިނގިރޭސިވިލާތުން އިންޑިއާއަށް ދަތުރުކުރާ ފަސިންޖަރުންގެ ޕީސީއާރު ޓެސްޓް އެއާޕޯޓުން ކުރާނެ އެވެ. އަދި ޕޮޒިޓިވްވެއްޖެ ނަމަ ކޮވިޑްގެ އައު ވައްތަރުތޯ ދެނެގަތުމަށް ޖީނޯމް ސީކްއެންސް ހަދާނެ ކަމަށް އިންޑިއާ އޮފިޝަލުން ބުންޏެވެ.

މިދިޔަ މަހުގެ ނިޔަލަށް 33،000 މީހުން އިނގިރޭސިވިލާތުން އިންޑިއާއަށް އެތެރެވެފައިވެ އެވެ. އަދި އެ މީހުންގެ ތެރެއިން 114 މީހެއްގެ ޓެސްޓްވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޮފިޝަލުން ބުނިގޮތުގައި އެ ސާމްޕަލްތަކުގެ ޖީނޯމް ސީކުއެންސިން 10 ލެބެއްގައި ދަނީ ކުރަމުންނެވެ.

އިނގިރޭސިވިލާތުން ކޮވިޑް ވައިރަސްގެ އާ ވައްތަރު ފެނުމާއެކު އެގައުމުގައި ވަނީ މި ރޯގާ ކޮންޓްރޯލް ކުރުމަށް ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ. އަދި 50 އަށް ވުރެ ގިނަ ގައުމުތަކުން ވަނީ އިނގިރޭސިވިލާތައް ދަތުރުކުރުން ވަގުތީ ގޮތުން ހުއްޓާލާފަ އެވެ.

ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއޭސިސް ވިދާޅުވީ މި ވައިރަސްއަކީ އަބަދު ވެސް ބަދަލުވާނެ އެއްޗެއް ކަމަށާއި، އައު ވޭރިއެންޓެއް ފެނޭތޯ ގައުމުތަކުން ޓެސްޓްކުރުން އިތުރުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި އެ މަލޫމާތު އެހެން ގައުމުތަކާ ހިއްސާކޮށްގެން ނޫން ގޮތަކަށް މި ވައިރަސްއާ ދެކޮޅަށް އެދެވޭނެ ފިޔަވަޅުތަކެއް ނޭޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. - ސީއެންއެން