ސައުދީ އަރަބިއާ އާއި އީރާނުން އަލުން ސިޔާސީ ގުޅުންތައް ގާއިމުކުރަން ނިންމާފައިވާތީ ރާއްޖެއިން ވެސް އީރާނާ އަލުން ސިޔާސީ ގުޅުން ގާއިމުކުރަން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ޗައިނާ މެދުވެރިވެގެން ބޭއްވި މަޝްވަރާތަކަށް ފަހު ސައުދީ އާއި އީރާނުން އަލުން ގުޅުން ބަދަހިކުރަން ނިންމައި، އެ ތިން ގައުމުން ނެރެފައިވާ ބަޔާނަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ.

"ސަޢޫދީ އަރަބިއާ އާއި އީރާނުން ދެ ގައުމުގެ މެދުގައި އަލުން ސިޔާސީ ގުޅުން ގާއިމުކޮށް ދެ ގައުމުގެ އެމްބަސީތައް އަލުން ހުޅުވުމަށާއި ގައުމުތަކުގެ ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތުމާއި، ގައުމުތަކުގެ ދާޚިލީ ކަންކަމާ ނުބެހުމާ ގުޅޭ އަސާސް އަލުން ކަށަވަރުކޮށް ސައުދީ އަރަބިއާ އާއި އީރާނާއި ޗައިނާއިން ނެރެފައިވާ ގުޅިފައިވާ ބަޔާނަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔަމެވެ،" މިނިސްޓްރީއިން ނެރުނު ބަޔާނުގައިވެ އެވެ.

އީރާންއާއި ސައުދީން ގުޅުން ކަނޑައިލީ ސައުދީގެ ޝީޢީ އިލްމުވެރިޔާ ނިމްރު ބާގިރު އަލް ނިމްރުގެ މައްޗަށް އެގައުމުން 2016 ވަނަ އަހަރު މަރުގެ ހުކުމް ތަންފީޒު ކުރުމުން އުފެދުނު ހިޔާލުތަފާތުވުމެއްގަ އެވެ.

ސައުދީއިން އީރާނާ ގުޅުން ކަނޑައިލުމުން ރާއްޖެއިން ވެސް އީރާނާ ގުޅުން ކަނޑައިލާން ނިންމި އެވެ.