ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ހަރުއަޑުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ އެކި އެކި ބޭފުޅުން ދެއްކެވި ވާހަތައް ބައިވަރެވެ. އެ ވާހަކަތަކުގެ މަތިން ރައްޔިތުން ހަނދާނެއް ނުނެތެ އެވެ. އޭގެ ތެރެއިން އެއް ވާހަކަ އަކަށް ޖެހިލާނަމެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރާނެ ވާހަކަ އެވެ. ހަގީގީ މިނިވަން މުއައްސަސާއަކަށް އެ ކޮމިޝަން ބަދަލުކުރާނެ ވާހަކަ އެވެ. އެވެރިން އޭރު ބުނަމުން ދިޔައީ ޖޭއެސްސީގައި ތިއްބަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ "ޕަޕެޓުން" ކަމަށެވެ.

އޭރު އެހެން ބުނަމުންދިޔަ ބޭފުޅުންނާ ރައްޔިތުން ގައުމުގެ ހުންގާނު ހަވާލުކުރިތާ ދެ އަހަރު ވެއްޖެ އެވެ. އެއްކަލަ "ޕަޕެޓުން" ތިބި ކޮމިޝަނުގައި މިއަދު ތިބީ ކޮންބައެއްތޯ އެވެ. އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރެވިއްޖެތޯ އެވެ. ޖަވާބަކީ ނޫނެކޭ އެވެ.

ޖޭއެސްސީ މިއަދު "ހިސޯރު" ކޮށްފައި ވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ގާނޫނީ ޓީމުގެ މެމްބަރުންނެވެ. ވެރިކަމަށް ވަޑައިގެންނެވިއިރު އެ ކޮމިޝަންގެ މެޖޯރިޓީ ލިބުމަށް ދަތިވުމުން އޭރު އެ ކޮމިޝަނުގައި ތިއްބެވި ބައެއް މެމްބަރުންނަށް ބިރުވެސް ދެއްކި އެވެ. އޭގެތެރެއިން އެއް ބޭފުޅަކީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ ހައިސިއްޔަތުން ދާދިފަހަކާ ޖެހެންދެން އެ ކޮމިޝަނުގެ މެމްބަރުކަން ކުރެއްވި ޑރ. އަލީ ޝަމީމެވެ. މަގާމުން ވަކިކުރާނެ ކަމުގެ ބިރުދައްކައި އެމްޑީޕީން ބޭނުންވާގޮތަށް ވޯޓު ދިނުމަށް އޭނާ އަށް މަޖުބޫރު ކުރި އެވެ. އެދުން ފުއްދައި ނިމުމުން އެންމެ ފަހުން ޝަމީމް ވެސް ބޭރުކޮށްލީ އެވެ.

ޖޭއެސްސީގެ ބައްދަލުވުމެއްގައި ޑރ. އަލީ ޝަމީމް

އެ ކޮމިޝަނުން އެންމެ ފުރަތަމަ ކުޅެން ފެށީ ސުޕްރީމް ކޯޓާ އެވެ. ސުލޫކީ މައްސަލަތަކެއް ބަލައި އެ ކޯޓުގައި ތިއްބެވި ހުރިހާ ފަނޑިޔާރުން ބޭރުކޮށްލި އެވެ. އެއަށްފަހު އެބޭފުޅުން ބޭނުންވާ ބަޔަކު ފަނޑިޔާރުކަމަށް ގެނަ އެވެ.

އެއަށްފަހު އެހެނިހެން ކޯޓުތަކުގައި ތިއްބެވި ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ މަޝްރޫއެއް ފެއްޓި އެވެ. އެ މަޝްރޫއުގެ ދަށުން މިހާތަނަށް އެކި ކޯޓުތަކުގެ ފަނޑިޔާރުން ވަނީ މަގާމުން ވަކިކޮށްފަ އެވެ. ފަނޑިޔާރުން ވަކިކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ވަކިކުރަން ވެސް ޖެހޭނެ އެވެ. ނަމަވެސް އެކަން ކުރަން ވާނީ ހަމަޔާއި އިންސާފުންނެވެ. ޖޭއެސްސީން އެކަން ކުރަނީ ހަމަޔާއި އިންސާފުންތޯ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީލޯންޑަރިން ދައުވާގެ ހުކުމް އިއްވަން ކައިރިވެފައި ވަނިކޮށް ކުއްލި ގޮތަކަށް އެ މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ އަހްމަދު ހައިލަމް ސަސްޕެންޑު ކުރި އެވެ. އެއަށްފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި ގާޒީކަމުން އޭނާ ވަކިކުރި އެވެ. ދެން ފެނިގެންދިޔައީ ކްރިމިނަލް ކޯޓުގެ ހިންގުން ގާޒީ އަލީ ރަޝީދު ހުސައިނާ ހަވާލުކޮށް ފަނޑިޔާރުންގެ ބެންޗެއް ކަނޑައަޅައި އަވަސް މުއްދަތެއްގެ ތެރޭގައި ރައީސް ޔާމީނަށް ހުކުމް އިއްވި ތަނެވެ. ރައީސް ޔާމީނަށް ހުކުމް އިއްވި ބެންޗުގެ ރިޔާސަތުގައި އިންނެވި ގާޒީ އަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް ހުށަހެޅުމުން އެ މައްސަލަ ނުބެލި އެވެ. ދެން ފެނިގެންދިޔައީ ރައްޔިތުން އަޖައިބު ކުރުވަނިވި މަންޒަރެކެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަލީ ރަޝީދު އައްޔަން ކުރެއްވުމަށް ޖޭއެސްސީގެ ލަފަޔަލަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު އެދިވަޑައިގަތް މަންޒަރެވެ. ސަރުކާރުން ބޭނުންވިގޮތަށް ހުކުމް އިއްވައިދިނުމުން އަލީ ރަޝީދަށް ޕްރޮމޯޝަން ދެއްވީ އެވެ. ސުލޫކީ މައްސަލައެއް ހުށަހެޅިފައިވަނިކޮށް އެ މައްސަލަ އޮއްބާލުމަށްފަހު އެވެ.

އެތައް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ބަލައި ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރި އެވެ. ނަމަވެސް އެމްޑީޕީއަށް ތާއީދު ކުރާ ބައެއް ފަނޑިޔާރުންނަށް ސުލޫކީ މައްސަލަ ސާބިތުވުމުގެ އަދަބަކަށް ޕްރޮމޯޝަން ދީފައިވެ އެވެ. ފެމެލީ ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވި ހަސަން ސައީދާ މެދު އަމަލުކުރި ގޮތް މިކަމުގެ ހެއްކަކަށް ފުދެ އެވެ. ހަސަން ސައީދާ ގުޅޭގޮތުން ސާބިތުވި ކަންތައްތަކަށް ބަލާއިރު، އޭނާ އަކީ ފަނޑިޔާރު ކަމުގައި އިތުރަށް ބަހައްޓަން ޖެހޭ ބޭފުޅެއް ނޫން ކަމަށް ޚުދު އެ ބޭފުޅުން ވެސް ގަބޫލުކުރި އެވެ. ނަމަވެސް ފަހުން އެ ނިންމުން ބަދަލުކޮށް އޭނާ ވަކިނުކުރަން ނިންމި އެވެ. އަދި އަދަބެއްގެ ގޮތުން ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ބަދަލުކުރި އެވެ. ސުޕީރިއާ ކޯޓެއްގެ ފަނޑިޔާރަކު ސުލޫކީ ފިޔަވަޅެއްގެ ގޮތުގައި ކްރިމިނަލް ކޯޓަށް ބަދަލުކުރުމަކީ ފިޔަވަޅު އެޅުންތޯ ނުވަތަ ޕްރޮމޯޝަން ދިނުންތޯ އެވެ.

ރައީސް ޔާމީނަށް ކެމްޕެއިންކޮށްދިން ކަމަށް ތުހުމަތުކޮށް ވެސް ބައެއް ފަނޑިޔާރުން ވަކިކޮށްފައިވެ އެވެ. އަދި އެމްޑީޕީއަށް ވެރިކަން ހޯދައިދޭން މަސައްކަތް ކުރި ބޭފުޅަކަށް ފަނޑިޔާރުކަން ހޯއްދަވައި ދެއްވާފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާފައިވާ ހުސްނުއް ސުއޫދަކީ ރިޔާސީ އިންތިޚާބުގައްޔާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ކެމްޕެއިން ކޮށްދެއްވި ބޭފުޅެކެވެ. މިކަމުގެ ހެކިތައް މީސް މީޑިއާ އިން މިއަދުވެސް އެހެރީ ފެންނާށެވެ ފޮޓޯތަކާއި ވީޑިއޯތަކެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުނުކުރާތީ އެކަމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ފާޅުކުރަން ފެށުމުން މިހާރު މިވަނީ އެއީ 2023ގެ ރިޔާސީ ވައުދަކަށް ބަދަލުކޮށްފަ އެވެ.